މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ ދެ މީހަކު ބަންދުކުރަން އެދުނުއިރު ފެނަކަ ކޯޕަރޭޝަނުން އެ މީހުންނަށް ވަޒީފާ ދީފައިވާތީ ހައި ކޯޓުގެ ފަނޑިޔާރުން މިއަދު ސުވާލު އުފައްދައިފި އެވެ.
ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރު ގްރޫޕަކުން ގޮސް ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ، މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިންމީ އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށް، މައްސަލަ ނިމެންދެން އެ އެންމެން ބަންދުގައި ބޭއްތިބުމަށް ވަނީ އެދިފަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވީ އެ މީހުން ބަންދުކުރަން އެދުނުއިރު, ދައުވާ ލިބޭ ދެ މީހުން ކަމަށްވާ ހުސައިން ޝާމީނާއި މުހައްމަދު ކަރަމް ސުހައިލަށް ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ވަޒީފާ ދީފައިވާ ކަމަށެވެ.
"ދައުލަތުގެ ސްޓޭންޑް އެބަ އޮޅޭ. ފަނޑިޔާރުން ކިހިނެއްތޯ ބަލަންވީ؟ ކޮން ގޮތެއް ތޯ ދައުލަތުން ބޭނުން ވަނީ؟ އެ މީހުން ވަޒީފާ ދީފައި ބައިތިއްބަންތޯ ނޫނީ ޖަލުގައި ބައިތިއްބަންތޯ؟" ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ ޝާމީނާއި މުހައްމަދު ކަރަމް ސުހައިލަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ދީފައިވާކަން އެނގިފައި ނެތް ކަމަށާއި ނަމަވެސް، އެކަން އެގޮތަށް ހިނގާފައިވާ ނަމަ އެއ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށްދައުލަތުން ބުންޏެވެ.
"ދައުލަތުގެ ޕްރޮސިކިއުޓާ ޖެނަރަލްގެ ސްޑޭންޑެއް މި ކަމުގައި ބަދަލެއް ނުވޭ، ވަޒީފާ ދޭން ނިންމާފައި އެ ވަނީ ވަރަށް ޒިންމާދާރު ކުޑަކޮށް،" ވަކީލް ވިދާޅުވި އެވެ.
އެ މައްސަލާގައި ދައުވާ ލިބޭ މީހުންގެ ވަކީލުން ވަނީ ދައުވާ ލިބޭ މީހުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ.
އެ މީހުންނަށް ސަރުކާރުގެ ޒިންމާދާރު ކުންފުންޏަކުން ވަޒީފާ ދީފައިވުމަކީ ވެސް ރިއާޔަތް ކުރަން ޖެހޭ ކަމެއް ކަމަށް ދިފާއީ ވަކީލުން ބުންޏެވެ. ބަންދު ކުރާއިރު މީހުންގެ ދިރިއުޅުމުގެ މިހާރުގެ ހާލަތަށް ވެސް ރިއާޔަތް ކުރަން ޖެހޭ ކަމަށް ވަކީލުން ފާހަގަކުރި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!