ހދ.އަތޮޅުގައި ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ރަށަކީ ހަނިމާދޫއާއި ކުޅުދުއްފުއްޓެވެ. މި ވާދަވެރިކަމަކީ އައްޑިހައިގެ ފަހުކޮޅު ނުވަތަ ނުވަދިހައިގެ ކުރީކޮޅުން ފެށިގެން މިއަދާ ހިސާބަށް ވެސް ދަނޑުމަތީގައި ބަދަލެއް ނާންނަ ވާދަވެރިކަމެކެވެ. ވާދަވެރިކަން އެކަންޏެއް ނޫނެވެ. ފާއިތުވެދިޔަ ދިގު މާޒީގައި ހދ އަތޮޅުގައި ބޭއްވުނު ގިނަ ފުޓްބޯޅަ މުބާރާތްތަކުގެ ތަށިތައް ވެސް ހުރީ މި ދެ ރަށުގައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ހަނިމާދޫއަށް ނިސްބަތްވާ، ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފުޓްބޯޅަ ޓީމާއި، ކުޅުދުއްފުއްޓަށް ނިސްބަތްވާ، ޒިގްޒެގް ފޯ ޔޫތު ލިންކޭޖް މާދަމާ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ބައްދަލުކުރާއިރު މިއީ ވެސް މި ދެ ރަށުގެ ވާދަވެރިކަން ފެނިގެންދާނެ މެޗެކެވެ.
މި ދެ ޓީމަކީ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނުނު ދެ ޓީމެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި ދެ ޓީމް ބައްދަލު ކޮށްފައިވާއިރު އެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ޒިގްޒެގެވެ. ޒިގެޒެގް މުބާރާތުގެ ފައިނަލަށް އައިސްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.
މުބާރާތުގެ ސެމީ ފައިނަލުން ހަނިމާދޫ ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން އެއް މެޗުން ބަލިވެ އެއް މެޗު އެއްވަރުކޮށް އަދި އެއް މެޗުން މޮޅުވެ ލިބުނު ހަތަރު ޕޮއިންޓާއިއެކު ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ހަނިމާދޫ ސެމީގައި ބައްދަލުކުރީ ގްރޫޕް ބީގެ އެއްވަނަ ޓީމް ކަމަށްވާ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ކޮރަލްސްއާއެވެ. ހަނިމާދޫ ފައިނަލުން ޖާގަ ހޯދީ ސެމީގައި ކޮރަލްސް ބަލިކޮށްގެންނެވެ.
ފައިނަލް މެޗާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ޒިގްޒެގްގެ ކޯޗް އިބްރާހީމް އާސިފް ބުނީ މުބާރާތުގެ ފައިނަލް މެޗަށް ޒިގްޒެގުން ވަރަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ޓީމުގައި އަނިޔާގެ މާ ބޮޑެތި މައްސަލަތަކެއް ނެތްކަމަށެވެ.
އާސިފް އިތުރަށް ބުނީ މުބާރާތުގައި ހަނިމާދޫ ޓީމާއި އެއްފަހަރު ވާދަކޮށްފައި އޮތުމަކީ ދެވަނަ ފަހަރަށް އެ ޓީމްގެ މައްޗަށް ނަތީޖާނެރުމަށް ވިސްނާއިރު ގޮންޖެހުންތަކެއް ހުންނާނެ ކަމެއްކަމަށް ޤަބޫލްކުރާ ކަމަށާއި، ހަނިމާދޫ ޓީމް މި މުބާރާތުގައި މެޗަކަށްވުރެ މެޗެއް ކުޅުން ރަނގަޅުކޮށް ފައިނަލަށް އައިސްފައި އޮތީ މި ސަރަހައްދުގައި ހުރި، ސަރަހައްދުގެ ފުޓްބޯޅައިގައި އެންމެ ތަޖުރިބާކާރު ކޯޗް (މުޙައްމަދު ނާސިރު) ގެ އިރުޝާދުގެ ދަށުން ކަމަށެވެ.
ނަމަވެސް ޒިގްޒެގުން މެޗަށް ނުކުންނާނީ އެ ހުރިހާކަމަކަށް ވެސް ވިސްނައި ޓީމްގެ އެންމެ މޮޅު ކުޅުންދައްކައި ނަތީޖާނެރެ ކުޅުދުއްފުށީގައި ތަށި ބެހެއްޓުމުގެ ވަރުގަދަ އަޒުމުގައި ކަމަށެވެ.
ފައިނަލް މެޗާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ހަނިމާދޫ ޓީމްގެ ކޯޗް މުޙައްމަދު ނާސިރު ބުނީ މުބާރާތުގެ ފައިނަލް މެޗަށް މާދަމާ ނުކުންނައިރު ޓީމްގައި އަނިޔާގެ ގިނަ މައްސަލަތަކެއް އެބައޮތް ކަމަށެވެ. ހާއްސަކޮށް ޑިފެންސަށް ކުޅޭ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
ނާސިރު އިތުރަށް ބުނީ ހަނިމާދޫއާއި ޒިގްޒެގް މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރިއިރު، އެ މެޗުން ޓީމް ބަލިވާން ދިމާވީ މުބާރާތައް ތައްޔާރުވާން ޕްރެކްޓިސް ކޮށްލަން ލިބުނު ވަގުތު މަދުވެ އަދި ޕްރެކްޓިސް މެޗުތަކެއް ކުޅެލައި އެންމެ ފުރިހަމައަށް ތައްޔާރުވާން ވަގުތު ނުލިބުމުން ކަމަށާއި، ނަމަވެސް މުބާރާތް ކުރިއަށް ދިޔަވަރަކަށް ޓީމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވި ޓީމް މެޗަކަށްވުރެ މެޗެއް ކުޅުން ރަނގަޅުކޮށް ނަތީޖާނެރެ ފައިނަލް މެޗާއި ކުރިމަތިލާއިރު އިތުބާރު ހޯދާފައިވާ ކަމަށެވެ.
ނާސިރު އިތުރަށް ބުނީ ހަނިމާދޫގެ ޓީމެއް ހދ.އަތޮޅުގެ ފުޓްބޯޅަ މުބާރާތެއްގައި ވާދަކުރާނަމަ ރަންމެޑެލް ނޫން އިތުރު ޗޮއިސްއެއް ކުޅުންތެރިންގެ ވެސް އަދި ސަޕޯޓަރުންގެ ވެސް ނޯންނާނެ ކަމަށާއި، ވުމާއިއެކު މާދަމާ މެޗުން މޮޅުވެ މުބާރާތުގެ ތައްޓާއި ރަންމެޑެލް ހިފައިގެން ރަށަށް އައުމަށް ޓީމް އެންމެ ފުރިހަމައަށް މަސައްކަތްކުރާނެ ކަމަށެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު ފަށެމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 15:50 ގައެވެ. ފައިނަލް މެޗު ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުން ލައިވްކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!