ރާއްޖޭގައި އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީ އިން ޢަޤީޤާ، އުލްޙިއްޔާ އަދި ފިދްޔާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބަކަރި.އެމްވީއާ ގުޅި އޮންލައިންކޮށް މި ހިދުމަތަށް އޯޑަރު ކުރެވޭނެ ގޮތް ފަހިކޮށްދީފިއެވެ.

މި ޕާޓްނަރޝިޕާއެކު މޫލީ މެދުވެރިކޮށް ބަކަރިއެމްވީ ގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޤުރުބާނީގެ އުލްޙިއްޔާ، އަޤީޤާ ނުވަތަ ފިދްޔާ އަށް އޯޑަރުކޮށް ހަދިޔާކުރުމުގެ ފުރުސަތު މިހާރު ލިބޭނެއެވެ. މޫލީއަށް އޯޑަރު ދިނުމުން، ގުރުބާނީގެ ބަކަރި ކަތިލުމާއި، ޕެކްކުރުމާއި، ހަދިޔާކުރުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ކަސްޓަމަރުގެ އެދުމާ އެއްގޮތަށް ބަކަރި.އެމްވީ އިން ކަމަށް މޫލީން ބުންޏެވެ.

Ad
rt

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ވެސް، ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކު ހުރިހާ ހިދުމަތްތަކެއްވެސް ލިބުން ކަމަށެވެ. އެގޮތުން ބަކަރި.އެމްވީއާ ގުޅިގެން މިހާރު ޢީދާއި ގުޅުވައިގެން، ނުވަތަ ނަން ކިޔުމުގެ އިތުރުން ފިދްޔަ ދިނުމަށްވެސް ގުރުބާނީގެ ހަދިޔާ ކުރުންވެސް އެތައްތަނެއް ފަސޭހަވެގެންދާނެ ކަމަށާއި މޫލީ މެދުވެރިކޮށް އޯޑަރު ކުރުމުން ބަކަރި.އެމްވީ އިން ކަސްޓަމަރުން ބޭނުން ވާ ގޮތައް ޕެކް ކޮށް ބޭނުންވާ އެޑްރެސްއަކަށް ޑެލިވަރީ ކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ހާއްސަކޮށް ސަރަހައްދުތަކުގެ ރައްޔިތުންނަށް ހަދިޔާކުރަން މަސައްކަތް ކުރާއިރު ދިމާވާ ލޮޖިސްޓިކް ގޮންޖެހުންތައް ލުއިވެގެންދާނެ." ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

ބަކަރި.އެމްވީ ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޖަދީދް އަހުމަދު ވިދާޅުވީ އެ ފަރާތްތަކުގެ އަމާޒަކީ ޢަޤީޤާ، އުލްޙިއްޔާ ފަދަ ދީނީ ވާޖިބުތައް އަދާކުރުމުގެ މަގު ފަހިކޮށްދީ، ބޭނުންޖެހިފައިވާ މީހުންނަށް އިތުބާރުކުރެވޭ، ދެފުށް ފެންނަ ގޮތަކަށް މި ޙިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އަދި މޫލީއާ ގުޅިގެން އޮންލައިންކޮށް އޯޑަރު ކުރުން ފަހިކޮށް، އެންމެ ބޭނުންޖެހޭ ފަރާތްތަކަށް މި ސަދަގާތް ފޯރުކޮށްދީ، ސަދަގާތް ކުރުމުގެ އަސާސްތައް އިތުރަށް ޕްރޮމޯޓްވެގެންދިއުމަކީ ލިބޭ އުފަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޫލީ މެދުވެރިކޮށް ބަކަރި.އެމްވީ ގެ ހިދުމަތްތަކަށް https://mool.ee/bakarimv އިން އޯޑަރު ކުރެވޭނެއެވެ. އެގޮތުން، މޫލީއަށް ޒިޔާރަތްކޮށް، ހަދިޔާ ކުރަން ބޭނުންވާ މަހުގެ ބާވަތް އިޚްތިޔާރު ކުރުމަށްފަހު ސްޕެޝަލް އިންސްޓްރަކްޝަން ގޮޅީގައި ޑެލިވަރީ ކުރަން ބޭނުންވާ އެޑްރެސް ބަޔާންކޮށް، އޯޑަރު ކަށަވަރު ކުރުމަށް ފައިސާ ދައްކާލެވޭނެއެވެ.

ބަކަރިއެމްވީ އިން އެކި ގައުމުތަކުން ލިބޭ ތަފާތު މަހުގެ ބާވަތް ކަސްޓަމަރުންނަށް ފޯރުކޮށްދޭ އިރު މި މައުލޫމާތު ކަސްޓަމަރުންނަށް މޫލީ މެދުވެރިކޮށް މިހާރު ފެންނަން ހުންނާނެއެވެ.

މޫލީ މެދުވެރިކޮށް ސަދަގާތް ކުރުމަށް އޯޑަރުކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީ ކުރުމުގެ ފައިދާ ލިބި، ލޮޖިސްޓިކްސް ހަރަދުތައް ކަސްޓަމަރުން އުފުލަން ނުޖެހުމަކީ އެފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއް ކަމަށް މޫލީން ބުންޏެވެ. އަދި ކަސްޓަމަރުން ގެ ސަދަގާތް، އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކަސްޓަމަރުންގެ ނަމުގައި ބަކަރިއެމްވީ އިން ފުރިހަމަ ކޮށްދޭއިރު، ވަކި ބަޔަކަށް ހަދިޔާ ކުރުމަށް ނުވަތަ އަމިއްލައަށް ޑެލިވަރީ ކުރައްވަން ބޭނުންވާ ނަމަ އެ ގޮތައްވެސް މި ހިދުމަތް ހަމަޖައްސައިދެވޭނެ ކަމަށްވެސް މޫލީން ބުންޏެވެ.

ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މޫލީއިން ވިޔަފަާރި ކުރެވޭނެއެވެ.

ބަކަރިއެމް ވީ ގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު www.bakarimv.com އަށް ޒިޔާރާތްކޮށްގެން ލިބޭނެއެވެ.