ބަންޑާރަނައިބު އިބްރާހިމް ރިފްއަތު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރާވަޑައިގެންނެވި ކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް، ހުށަހެޅުއްވި މި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ 48 މެންބަރުންގެ ވޯޓުންނެވެ. މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ.

Ad
rt

މި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ހުސެއިން ވިދާޅުވީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަނައިބު ރިފްއަތު ލިޔުމުން ހުށަހެޅުއްވި ޖަވާބުގައި މަޖިލީހުގެ އިމްތިޔާޒުތަކަށް ގޮންޖައްސަވާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ކަމަށެވެ.

އެހެންނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަނައިބު ރިފްއަތު ލިޔުމުން ދެއްވި ޖަވާބުގައި މަޖިލީހަށް ހުށަހަޅަންޖެހޭނީ ރާއްޖޭގެ ބޭސްލައިންތަކުން ފެށިގެން 12 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ސަރަހައްދަށް ބަދަލެއް ގެންނަނަމަ ކަމަށް ފާހަގަކޮށްފައިވާ ކަމަށް ހުސެއިން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކަނޑުގެ ސަރަހައްދަށް ބަދަލު ގެނައުމުގައި މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމެއް ނެތް ކަމަށް ދައުލަތުގެ ބަންޑާރަނައިބު ދެކިވަޑައިގަތުމަކީ މުޅި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި ބާރުތަކަށް އަރައިގަތުން ނޫން ކަމަށް ދެކޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށެވެ.