ދެދުނިޔޭގެ ބާއްޖަވެރިކަމަށް މާތްﷲ ލައްވަވާފައިވާ ދީނަކީ އިސްލާމްދީން ކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ ''އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަނީ ކީއްވެ؟'' މި މައުޟޫޢަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

Ad
rt

އިސްލާމިކް މިނިސްޓްރީން މިއަހަރު އިންތިޒާމް ކުރެއްވި 11 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. ޢަލީ ޒާހިރު ވިދާޅުވީ އިންސާނުންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހާގެ ފިޠުރަތު ނިޔާކުރާގޮތުން ދީނަކަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި އެނޫން ގޮތަކަށް އުޅޭނަމަ ވަރަށް ބޮޑެތި މައްސަލަތަކެއް ދިމާވާނެކަމަށާއި ދީނެއް ނެތި މީހާ އުޅެންފަށައިފިނަމަ ހެވާއި ނުބައި، ޙައްޤާއި ބާތިލް ވަކިނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ޑރ. ޢަލީ ޒާހިރު ތަޤްރީރުގައި މާތްﷲގެ ވަޙީ ބަސްފުޅަށް ބައްލަވަމުން، އިސްލާމްދީން ފިޔަވާ އެހެން ދީނެއް ހޯދައިގެންފި މީހާގެ ކިބައިން ހަމަހިލާ އެކަން ޤަބޫލު ނުކުރައްވާނެކަމަށާއި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީންކަމަށް ވިދާޅުވިއެވެ.

ޑރ. ޢަލީ ޒާހިރު ވިދާޅުވީ ބައެއް މީހުން ދީން ޤަބޫލު ނުކުރާކަމަށް ވާހަކަ ދައްކާ ކަމަށެވެ. އެ ވަހަކަ ވާހަކަތަކަށް އަލިއަޅުއްވާލަމުން އޭނާ ވިދާޅުވީ، އެފަދަ މީހުން އެ ހަދަނީ ދޮގުކަމަށެވެ. ސަބަބަކީ ކޮންމެ މީހަކީވެސް ރުހުމުގައިވެސް، އަދި ނުރުހުމުގައިވެސް ކޮންމެވެސް ދީނަކަށް ތަބަޢަވާ މީހަކަށް ވާތީކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށް މާތްﷲ ލައްވަވާފައިވާ ދީނަކީ އިސްލާމްދީންކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޢަލީ ޒާހިރުވަނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ހަދާފައިވާ ދިރާސާތަކަށްވެސް މި ފޯރަމްގައި ބައްލަވާލައްވާފައެވެ. އެގޮތުން ޣައިރު މުސްލިމުންގެ ބަޔަކު، 2015 އިން 2060 ވަނަ އަހަރަށް ދުނިޔޭގެ އާބާދީއާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާއަށް ބައްލަވަމުން، އެ ދިރާސާގައި ހުރިހާ ދީންތަކެއްގެ މައްޗަށް ކުރިހޯދާނެ ދީނަކީ އިސްލާމްދީންކަމަށް ފާހަގަކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މިފަދައިން އިސްލާމްދީން ކުރިހޯދަމުންދަނީ، އިސްލާމްދީން މިހާ ބާރުމިނެއްގައި ފެތުރެމުންދަނީ، މި ދީން މީހުންނަށް މިހާ މަޤްބޫލުދީނަކަށް ވެގެންދަނީ މިއީ ޙައްޤުގެ ދީންކަމުގައިވާތީއާއި މި ދީނުގައިވާ ލުއިފަސޭހަކަމާއި، ހަމަހަމަކަމާއި، މިއީ އުންމީދު ގެނެސްދޭ ދީނަކަށްވާތީއާއި، އިޖުތިމާޢީ، ދީނީ ރޫހުއާލާވާ، ޢަދުލުވެރި ދީނަކަށް ވާތީކަމަށް ވިދާޅުވިއެވެ.