ކުޑަގިރިއަށް ދާ ފަރާތްތަކުން އެކަކު އަނެކަކަށް އިހްތިރާމްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ތަރައްގީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވަނީ މި ރަށަކީ އެންމެންނަށް ހިތްފަސޭހަކަމާ އެކީގައި، ހަމަޖެހިގެން ޗުއްޓީ ހޭދަކޮށްލެވޭ ރަށެއްގެ ގޮތުގައި ބެލެހެއްޓުމަށް ވެސް އެދިވަޑައިގެންފައެވެ.

"މި ރަށުގެ ސެކިއުރިޓީއާއި، ޚިދުމަތް ދިނުމަށާއި، ސާފުތާހިރުކަން ބެލެހެއްޓުމަށް ގިނަ ސްޓާފުންތަކެއް، އެޗް.ޑީ.ސީ. އިން ޢައްޔަންކޮށްފައި ތިބި ކަމަށްވިޔަސް، މި ރަށް ސާފުތާހިރުކޮށް، މި ދެންނެވިހެން އަމާންކަމާއެކީގައި ދެމިއޮންނާނީ، މި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް، އަމިއްލަ ހައިސިއްޔަތުން، ފަރުދެއްގެ ހައިސިއްޔަތުން، މި ދެންނެވި ކަންތައްތަކަށް ސަމާލުކަންދީގެން، އެ މަސައްކަތް ކޮށްގެން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވެސް މާލޭގައި ދިރިއުޅެން ފެށިތާ ގާތްގަނޑަކަށް ފަންސާހަކަށް އަހަރު ވެއްޖެކަމަށާއި އޭރުވެސް މާލެއަކުން މި ގޮނޑުދޮށްތަކުގެ ހިތްހަމަޖެހުމެއް ނުލިބޭކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މާލޭގެ ރައްޔިތުން އޭރު ހިތްހަމަޖައްސާލުމަށް ދާން ބޭނުންކުރީ، ކައިރީގައި އޮތް ކުނޑަބަނޑޮސް ކަމަށެވެ.

ރައީސް ވިދާޅުވީ މި ގޮނޑުތަކާ ގުޅި ލާމެހިފައި، މި ރީތި މޫދާ ގުޅި ލާމެހިފައި މިވަނީ އަޅުގަނޑުމެންގެ ހިތްހަމަޖެހުމަށްޓަކައި ކަމަށާއި އާއިލާއާ އެކުގައި ވަގުތުތައް ހޭދަކުރުމަށް ކަމަށެވެ. އަދި ރަޙްމަތްތެރިންނާ އެކުގައި ގުޅުން ބަދަހިކުރުމާއި މާލޭގެ މި ކާރޫބާރޫ ބޮޑުކަމުން ދުރަށްޖެހިލައި ހިތްހަމަޖައްސާލުމަށް ކަމަށެވެ.

އެހެން ނަމަވެސް، މި އުފާވެރިކަން ހޯދުމަށް، މި ހަމަޖެހުން ހޯދުމަށް މާލޭގެ ރައްޔިތުން ބޭނުންކުރަމުން އައި ކުޑަބަނޑޮސް މިވަނީ އޭރު އޮތް ސަރުކާރުން މީގެ ދިހަވަރަކަށް އަހަރު ކުރިން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން އަތުލައިގެންފައިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިންނަށް އެ ރަށަށް ނުދެވޭގޮތް ހަދައި، މިއީ، ބޮޑު ކަންބޮޑުވުމަކަށް މާލޭގައި ދިރިއުޅޭ މީހުންނަށް އޮތީ މިވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވެފައި ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް މި ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، މާލޭގައި ދިރިއުޅޭ މީހުންނަށް، ރައްޔިތުންނަށް މި އުފާވެރިކަން ހޯދައިދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.