މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރު ދިޔުމަށް ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

މި ރަށް ރަސްމީކޮށް ހުޅުވައިދެއްވީ އެރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ނައިބު ރައީސް ފައިސަލް ނަސީމެވެ.

Ad
rt

މިއީ ރައީސް ސާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ވައުދަކަށްވާއިރު، މާލެ ސަރަޙައްދުން ވަކި ތަނެއް ހިއްކާ ދަތުރުދިޔުމަށް ހާއްސަ ރަށެއް ތަރައްގީކުރުމަށް ސަރުކާރުގެ ކަމާގުޅުންހުރި މުވައްސަސާތައް ގުޅިގެން މަސައްކަތްފެށީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މިރަށުގައި އާންމު ހިދުމަތްތަކާއި ދަތުރުދާ ރަށަކުން ބޭނުންވާ ހުރިހާ ހިދުމަތް ވަނީ ފުރިހަމަކޮށްފައިވާއިރު، އާންމު ހިދުމަތްތަކުގެ ގޮތުގައި ރަށުގެ އެކި ސަރަޙައްދުތަކުގައި ހަޓުތައް ހެދުމާއި، އައުޓް ޑޯ ފެންމާގަނޑާއި ފާޚާނާ ބަރިއާއި ޗޭންޖިންގ ރޫމާއި މިސްކިތް ހިމެނެއެވެ.

މީގެ އިތުރުން ރަށުގައި ގާއިމުކޮށްފައިވާ ހިދުމަތްތަކުގެ ތެރޭގައި ކެފޭއަކާއި ފިހާރަޔާއި، ވޯޓަރ ސްޕޯޓްސްއާއި ކުޅިވަރު ކުޅެވޭނެ ފެސިލިޓީއާއި ބާބަކިއު އޭރިއާ އަދި ކުޑަކުދިންނަށް ހާއްސަ ޕާކެއް ވެސް ހިމެނެއެވެ. އަދި ރީޑިންގ ކޯނަރފަދަ ތަންތަންވެސް ހިމެނެއެވެ.

ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރައީސްގެ ދެކަނބަލުންނާއި ނައިބު ރައީސް އަދި ދައުލަތުގެ އިސްވެރިންނާއި އާއްމުންވަނީ ކުޑަގިރީގައި ގާއިމުކޮށްފައިވާ އެކި ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

ކުޑަގިރި މިއަދު އާންމުންނަށް ހުޅުވާލިއިރު މިއަދަށް ބުކިން ހެއްދުމަށް ހުޅުވާލީ 300 މީހުންނަށެވެ. އެހެންނަމަވެސް ކުޑަގިރި ތަރައްޤީކޮށްފައިވަނީ އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭނެ ފެސިލިޓީ އާއެކު ކަމަށް އެޗްޑީސީން ހާމަކުރައްވައެވެ.

ގިނަ ޚިދުމަތްތަކެއް ލިބެން ހުންނާނެހެން މާލެ ސަރަޙައްދުގެ ރައްޔިތުން ކުރަމުންއައި އިންތިޒާރަށް ނިމުމެއްމިވަނީ އައިސްފައެވެ. ދެންއޮތީ މިތަން ބަލައިގަނެ ދެމެހެއްޓެނިވި ގޮތަކަށް ބޭނުންކުރުމެވެ.