އިޓާލިއަން ލީގުގައި ފަހަކަށް އައުސް ފޯމު ދައްވެފައިވާ މިލާން ރޭ ޓޮރީނޯއާއި ބައްދަލުކުރި މެޗު ހަނި ގޮތަކަށް ކާމިޔާބުކޮށްފިއެވެ. ރޭ މިލާނުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
މި މެޗުގެ ކުރިން ލީގުގައި މިލާން ކުޅުނު ފަސް މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް މޮޅެއް ހޯދިފައި ނުވެއެވެ. ތިން މެޗުން ބަލިވިއިރު ދެ މެޗު ނިމިފައި ވަނީ އެއްވަރު ވެގެންނެވެ
ރޭގެ މެޗު މިލާނުން ކާމިޔާބުކުރި ނަމަވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ގިނަ ހަމަލާ ވެސް އުފެއްދީ ޓޮރީނޯއިންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ޓޮރީނޯގެ އެންޓޯނިއޯ ސަނާބްރިއާ މިލާނުގެ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅު މިލާނުގެ ޑިފެންސުން ހެދުނު ގޯހަކުން ތަނަވަސް ވީ ފުރުޞަތުގައި ޓޮރީނޯގެ ސަނާބްރިއާ އަށް ލަނޑުޖަހާނެ ރަނގަޅ ފުރުޞަތެއް ލިބުނު ނަމަވެސް އެ ފުރުޞަތުގެ ހުރަހަކަށް ވީ މިލާނުގެ ކީޕަރެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް މިލާނަށް ތަނަވަސް ކުރެވިފައި ނުވ ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުން ވަނީ ޓޮރީނޯގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި މިލާންގެ ރަފޭލް ލިއޯ އަށް ލަނޑު ޖަހާނެ ހުސް ފުރުޞަތެއް ލިބުނުއިރު އެ ފުރުޞަތުގެ ބޭނުން އޭނާއަށް ހިފިފައި ނުވެއެވެ.
މެޗުގެ 55 ވަނަ މިނެޓުގައި މިލާނުން ލަނޑެއް ޖެހުމާއި ގާތަށް ދިޔައެވެ. ޖިރޫޑް ފޮނުވާލި ބާރު ހަމަލާ ޓޮރީނޯގެ ކީޕަރު އަތުގައި ޖެހިފައި ގޯލަށް ވަންނަން ދިޔަ ވަގުތު އެ ބޯޅަ ދެވަނަ ފަހަރަށް ވެސް މަތަކޮށްފައި ވަނީ ޓޮރީނޯގެ ކީޕަރެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 62 ވަނަ މިނެޓުގައި މިލާންގެ ފުލްބެކް ތިއޯ ހެނާންޑޭޒް ޓޮރީނޯގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައ ވަނީ ޖިރޫޑެވެ. މެޗުގެ 75 ވަނަ މިނެޓުގައި މިލާނުން އުފެއްދި ކައުންޓަ އެޓޭކެއްގައި ތިއޯ ހެނާންޑޭޒްއަށް ވަނީ ހުސް ފުރުޞަތެއް ލިބި ބޭނުން ނުކުރެވިފައެވެ.
މި ނަތީޖާއާއިއެކު މިލާން މިވަގުތު އޮތީ ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 22 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި 21 މެޗުން 43 ޕޮއިންޓް ހޯދައިގެން އޮތީ އިންޓަ މިލާނެވެ. މި މެޗުން ބަލިވި ޓޮރީނޯ މި ވަގުތު އޮތީ ތާވަލުގެ 7 ވަނާގައެވެ. އެ ޓީމަށް 22 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!