ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ އެއަރޕޯޓު ތަރައްޤީކުރުމަށް ސައިޓު ސާފުކުރުމާއި، ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އެރަށް ގެންދެވިފައިވާކަމަށެވެ.
އޭނާ ވިދާޅުވީ މަޝްރޫއުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށާއި ސައިޓު ސާފުކޮށް ވަގުތީ އެކޮމޮޑޭޝަން ގާއިމްކުރުމާއި، މެޓީރިއަލް ބޭލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށެވެ. އަދި އެއެއަރޕޯޓު ޑިވެލޮޕްމަންޓަށް ބޭނުންވާ މެޓީރިއަލްސް ހަނިމާދޫއަށް ގެންގޮސްފައިވާ ކަމަށާއި އެތަކެތި ބޭލުމުގެ މަސައްކަތް ވެސް މިހާރުކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލަކާއި އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ގާއިމުކުރާނެއެވެ.
ރާއްޖޭގެ ތާރީހުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫއާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ 2024 ގައި މިމަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމި، ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެ ކަމަށެވެ.
މިމަޝްރޫޢއުނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 ސައިޒުގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ހިދުމަތް ދިނުމުގެ ގާބިލުކަން ލިބޭއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބިގެންދާނެއެވެ.
ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރެވެ.
މިއީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!