ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ނިމުމާއެކު އިޤްތިޞާދީ ވަރުގަދަ ހަބަކަށް ބޮޑުތިލަދުންމަތި ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ރޭ ހަނިމާދޫގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ވިސްނުމެއް، ރޭވުމެއް ނެތިއްޖެނަމަ، ރޭވެ އަލިވިލޭއިރު، އެންމެން އެކީ އެއްފަހަރާ ބިކަވާނެ ކަމަށާއި، ކޮންމެ ކަމަކަށްވެސް ދެމެހެއްޓެނިވި ވިސްނުމަކާއި، ފެން ހިލޭ ޕްލޭނެއް އޮންނަންވާނެ ކަމަށެވެ

''މިއަދު ޢަމަލީ މަސައްކަތް މި ފެށުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ 136.6 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެއް. މަޝްރޫޢު ހިންގުމަށް އެންމެބޮޑު އެއްޗަކީ އެކަމަށް ބޭނުންވާ ފައިސާ. މި މަޝްރޫޢުގެ ފައިސާ ހުރީ ހަމަޖެހި ނިމިފައި.'' ރައީސް ވިދާޅުވިއެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރެވުމުން އެތަނުން އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެ މަޝްރޫޢުއަކީ ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލް ވެސް ހިމެނޭ މަޝްރޫޢުއެއް ކަމަށެވެ.

''2.46 ކިލޯ މީޓަރުގެ އާ ރަންވޭއަކީ ދުނިޔޭގެ ބައްރުތަކުން ގިނަ ފަސިންޖަރުން އުފުލޭނެ ބޮޑެތި މަތިންދާބޯޓުފަހަރަށް އަޅާ ރަންވޭއެއް. މީގެއިތުރަށް، ބައިނަލްއަޤްވާމީ އެއަރޕޯޓަށް ބޭނުންވާނެ ހުރިހާ ވަސީލަތްތައް ހަނިމާދޫގައި ޤާއިމްކުރެވޭނެ.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ވެގެންދާނީ ބޮޑުތިލަދުންމައްޗާއި، އުތުރުގެ ރައްޔިތުން ފަޚްރުވެރިވާނެފަދަ ޒަމާނީ ވައިގެބަނދަރަކަށް ކަމަށެވެ.

''މި އެއަރޕޯޓް ނިމުމާއެކު، ސީދާގޮތުންނާއި ނުސީދާގޮތުން މި ސަރަޙައްދުގެ އިޤްތިޞާދު ފެނުން ތޮޅިލައި އުދަވާން ފަށާނެ. އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ. ގެސްޓްހައުސްތަކާއި، ސިޓީ ހޮޓާތަކާއި، ރިޒޯޓުތަކުގެ އެނދުތައް ބޮޑުތިލަދުންމަތީގައި އެތައް ގުނައެއް އިތުރުވެގެންދާނެ. އެކި ބާވަތްތަކުގެ ވިޔަފާރިތަކާއި، އިޤްތިޞާދީ މަސައްކަތްތަކަށް ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ. އިޤްތިޞާދީ ވަރުގަދަ ހަބަކަށް ބޮޑުތިލަދުންމަތި ހެދުމަށް މަގުފަހިވެގެންދާނެ.'' ރައީސް ވިދާޅުވިއެވެ.

އެއީ އެ ވައިގެބަނދަރަށްފަހު ޠަބީޢަތު އޭގެ ޒާތުން ގެނެސްދޭނެ ކުރިއެރުމާއި ތަރައްޤީތައް ކަމަށާއި، މިކަން ދިވެހިން ވަނީ ތަޖުރިބާކޮށް، ބައިނަލްއަޤުވާމީ ވައިގެބަނދަރަކީ ތަރައްޤީގެ ރަސްމަގަށް ހުޅުވޭ މައި ދޮރާށިކަން އޮތީ ސާބިތުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

''މީގެ ދިރިދިރި އޮތް މިސާލަކީ، މާލެ ސަރަޙައްދުގައި އޮތް ހުޅުލެ. އެއަރޕޯޓް ނެތްއިރުވެސް ހުޅުލެއަކީ ހަމަ ހަނިމާދޫހެން އޮތް ހަނި ދިގު ރަށެއް. ހުޅުލެއާ ކައިރީގައި ހުރީވެސް މުޅި ރާއްޖޭގެ އެހެން ރަށްތައްފަދަ ރަށްތަކެއް. މޫސުމާއި، އޮޔާއި ވަޔާ، ކަނޑުފަޅު، ވިލާ، ވެލީގެ ހިމުން އޮމާންކަމާއެކުގައި، މިތާ ނެތް އެއްޗެއް އެތާކު ވަކި ނެތް. މާލެ ސަރަޙައްދަށް ބާރު ސްޕީޑްގައި އައި ކުރިއެރުމުގެ އެންމެ ފުނުގައި ވިންދުޖަހާ އޮތް ސަބަބާއި ސިއްރަކީ ހުޅުލޭގައި ދަމާލި އިންޓަރނޭޝަނަލް އެއަރޕޯޓް.'' ރައީސް ވިދާޅުވިއެވެ.