ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށްލާން ކުރި ހުކުމަށްފަހު މިހާރު ސޯޝަލް މީޑިއާގައި އާއި ސައިހޮޓާތަކާއި ކޮފީ މޭޒުތަކުގައި ވެސް އެންމެ ދައުރުވާ ބަހަކީ ސަބަބުވެރި އިންސާނާ އެވެ. ނުވަތަ "ސަބަބުވެރި އިންސާނެއްގެ ވިސްނުން" މިހެންނެވެ.
މި ބަސް މިހާ އާންމުވީ ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަރަށް ގިނައިން އެ ޖުމްލަ ބޭނުން ކޮށްފައި ހުރުމުންނެވެ. ގިނަ މީހުންނަށް މިއީ އާ ބަހެކެވެ. އަނެއް ބަޔަކު އެކަން ނެގީ ޔާމީނަށް ކުރި ހުކުމުގެ ރުޅިވެރިކަމުގައި އެ ހުކުމަށް ޖޯކު ޖެހުމުގެ ގޮތުންނެވެ.
ސަބަބުވެރި އިންސާނާ ނުވަތަ ސަބަބުވެރި އިންސާނެއްގެ ވިސްނުން މިއީ ރާއްޖޭގެ ގާނޫނުތަކުގައި ވެސް އަދި ކޯޓުގެ ހުކުމްތަކުގައި ވެސް އާ ބަހެއް ނޫނެވެ. އޭގެ މާނައަކީ އާންމު އިންސާނެއްގެ ވިސްނުމެވެ.
ޤާނޫނުލް އުގޫބާތުގައި މި ބަސް ހިމަނާފައިވެ އެވެ.
ގާނޫނުލް އުގޫބާތުގައި ބުނެފައިވަނީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރު ކަމަށް ބުނެފައި އެވަނީ، "ސަބަބުވެރި އިންސާނެއްގެ ވިސްނުމުން" ވިސްނާއިރު، ކަމަކާމެދު ލިބިފައިވާ ކަށަވަރުކަމާ މެދު އެހެން ގޮތަކަށް ވިސްނުމަށް ފުދޭވަރުގެ، އެކަށީގެންވާ ސަބަބެއް ނެތުމަށެވެ.
އެ ބަސް ނިސްބަތް އެ ކުރަނީ ސަލާމަތް ބުއްދި ހުރި އާދައިގެ އިންސާނުން ކަން ކުރާނެ ނުވަތަ އެފަދަ ކަމެއްގައި ވިސްނާނެ ގޮތަކަށް އިޝާރާތް ކުރުމުގެ ގޮތުންނެވެ. ގާނޫނީ އިލްމުގައި އާންމުކޮށް މި މަފްހޫމް ބޭނުން ކުރަނީ ކުށުގެ މައުނަވީ ރުކުން ނުވަތަ ނިޔަތް ސާބިތު ކުރުމަށެވެ.
މިސާލަކަށް، ގެއަކަށް ވަގަކު ވަދެ އުޅެނިކޮށް އެ ގޭގެ ވެރިމީހާ ނިކުމެ، އެ ވަގު މީހާ މަރާލަފާނެ އެވެ. ގޭގެ ވެރިމީހާ ބުނިގޮތުގައި ވަގު މީހާ މަރާލީ ގޭގައި ދެން ތިބި މީހުންނަށް ވަގު މީހާގެ ފަރާތުން ނުރައްކަލެއް ލިބިދާނެތީ އެކަމުން ސަލާމަތް ކުރަން ކަމަށެވެ.
ގޭގެ ވެރިމީހާގެ ބަސް ކޯޓުން ވަޒަން ކުރާނީ އޭނާ ބުނާ ބުނުމާއި މައްސަލާގައި ވަށައިގެންވާ ދެން ހުރި ކަންކަން ބެލުމަށްފަހު، ސަލާމަތް ބުއްދި ހުރި އާންމު އިންސާނަކު އެފަދަ ހާލަތެއްގައި އަމަލު ކުރާނެ ގޮތަކަށް ބަލައިގެންނެވެ.
ބޭރު ގައުމުތަކުގައި "ސަބަބުވެރި އިންސާނާ" މި ބަހަށް ރީޒަނަބްލް ޕާސަން، ރީޒަނަބްލް މޭން ނުވަތަ ރައިޓް ތިންކިން މެމްބާ އޮފް ސޮސައިޓީ ފަދަ ބަސްތައް ބޭނުން ކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!