އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އިއްޔެ ހަމަޖެހިއްޖެއެވެ.
އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ލިބުނީ އެ ޖަމިއްޔާގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެވުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް މެންބަރު ޤައުމުތަކުން ތާއީދު ކުރުމުންނެވެ.
އެންގޯލާގެ ލުއާންޑާގައި މި ޑިސެންބަރު މަހުގެ 6 އިން 9 އަށް ކުރިޔަށްދާ މި ސަމިޓްގައި އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ދިނުމަށް ސަމިޓްގައި ބައިވެރިވި ހުރިހާ މެންބަރު ޤައުމަކުން ވެސް ތާއީދު ކުރިއެވެ.
ރައީސް ސާލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފްދުގެ އެންމެ އިސްބޭފުޅަކީ، ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދެވެ.
އޯއޭސީޕީއެސް ގެ ހުރިހާ މެމްބަރު ޤައުމުތަކުގެ ތާޢީދު ލިބުމާ އެކު، އެ ޖަމިއްޔާގެ މެމްބަރު ޤައުމުތަކުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ "ރިވައިސްޑް ޖޯޖްޓައުން އެގްރީމެންޓް" އަށް ރާއްޖެއިން ވަނީ އެއްބަސްވެފައެވެ.
މީގެ އިތުރުން، ސަމިޓްގެ ހަވާސާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޚާރިޖީ ވަޒީރު ޝާހިދު ވަނީ "އިންސްޓްރޫމަންޓް އޮފް އެކްސެޝަން" ޑިޕޮޒިޓްކޮށްދެއްވާފައެވެ.
އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރު ޤަމަކަށްވުމަށް ރާއްޖެއިން ހުށަހަޅާފައި ވަނީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. އަދި 2022 މާރިޗު 23 ގައި ވަނީ އޯ.އޭ.ސީ.ޕީ.އެސް. ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފައެވެ. އޯއޭސީޕީއެސް އިން 2022 ޖޫންގައި އެ ޖަމުޢިއްޔާގެ "އޮބްޒާވަރ ސްޓޭޓަސް" ރާއްޖެއަށް ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!