ސަރުކާރުގެ ބޮޑުންނާއި ބައެއް މެންބަރުން ރަށްރަށް ގަންނަމުންދާ ކަމަށާއި، ނަމަވެސް އެކަމުން ދައުލަތަށްވާ ފައިދާއެއް ނުފެންނަކަމަށް އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކުރިން ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި 2022 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

Ad
rt

އޭނާ ވިދާޅުވީ ބަޖެޓް ރިޕޯޓް ނިއުޅައިލުން ފެނިވަޑައި ގަންނަވަނީ ޚަރަދުގެ ގޮތުގައި 42 ބިލިއަން ރުފިޔާ އަދި އާމްދަނީގެ ގޮތުގައި 29 ބިލިއަން ރުފިޔާ ހިމެނިފައިވާ ތަންކަމަށެވެ. އަދި 5.4 އިންސައްތަ އިންފްލޭޝަން އިތުރުވާނެ އެމްއެމްއޭ އިން ބުނެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ފަގީރުންނާއި މުއްސަނދިގެން ފަރަގު ބޮޑުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފައިސާ ޗާޕުކޮށް، ޓީ ބިލު ވިއްކައި، ސްކޫލްތައް ރަހުނު ކުރުމުން އިގްތިސޯދީ ވިސްނުމެއް ނެތްކަން އިނގިގެންދާކަމަށާއި، އެކިއެކި ފަންޑުތައް ޚާއްޞަކޮށް ޕެންޝަން ފަންޑުން ފައިސާ ނަގަމުން ގޮސް އެ ފަންޑު ހުސްވުމާ ހަމައަށް ގޮސްފައިވާ ކަމަށާއި، ދެން އެ ފައިސާ ހޯދައި ނުދެވޭނެ ކަމަށް ވިދާޅުވެއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އާމްދަނީ ވަންނަ ގޮތައް ހުންނަ ކަންކަމަށް ސަރުކާރުން އިސްކަންދޭ ތަން ނުފެއްނަ ކަމަށެވެ.

''ސަރުކާރުގެ ބޮޑުންނާއި ބައެއް މެންބަރުން ރަށްރަށް އެބަގަނޭ، އެއިންވާ ފައިދާ އެއްނުފެނޭ'' އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ ސަބްސިޑީ ބަހަމުންދާ ގޮތަކުން ރައްޔިތުންނަށް ފައިދާ ނުކުރާ ކަމަށާއި، ސަބްސިޑީ ބަހާގޮތް ބަދަލު ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

''އެ ފައިސާ މަސްވެރިންނަށާއި، ދަނޑުވެރިންނަށާއި، އަދި ފްރީލާންސްކޮށް މަސައްކަތްކުރާ މަސައްކަތްތެރިންނަށް، ސީދާ ލިބޭނެ ގޮތް ހަދަންޖެހެނީ'' އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ކުންފުނިތަކަށް ސަބްސިޑީ ދިނުމުން އެކަމުން ނާޖާއިޒު ފައިދާ ނަގާ ކަމަށެވެ. އޭނާ ވަނީ ސަރުކާރުގެ އިސްރާފް ވަރަށް ބޮޑު ކަމަށާއި، 1300 ސިޔާސީ ވަޒީފާއާއިއެކު މަތިބަރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.