ޗާގޯސް މައްސަލައިގާ އިންޑިއާ ސަރުކާރުން، ދިވެހި ސަރުކާރާ އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާ ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހާރިޖީ ވަޒީރާއި ބަންޑާރަ ނައިބު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ތިލަދުން" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
ޝާހިދު ވިދާޅުވީ އެފަދަ މަޝްވަރާއެއް އިންޑިއާ ސަރުކާރާ ކުރަން ވެސް ނުޖެހޭ ކަމަށެވެ.
އެއީ ރާއްޖޭގެ ސިޔާދަތީ މައްސަލައެއް ކަމަށާއި މިކަންކަން ކުރިއަށް ގެންދަނީ މިނިވަން ގައުމެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ބައެއް ވިއްކާލިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން "ތިލަދުން" އިން ސުވާލުކުރުމުން ޝާހިދު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އެކި ސަރަހައްދުތައް ވިއްކާލުމަށް ގާނޫނު އަސާސީއަށް އިސްލާހުތަކެއް، ބަދަލުތަކެއް ގެންނެވި ކަމަށެވެ.
އެހެންނަމަވެސް ރައީސް ސާލިހުގެ ސަރުކާރު ރާއްޖޭގެ ވެރިކަމަށް އައުމަށްފަހު، އެންމެފުރަތަމަ ވެސް ރައީސް ކުރެއްވި އެއްކަމަކީ ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް، ވިއްކާނުލެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރެއްވުން ކަމަށެވެ.
"އެހެންވީމަ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ އެކިއެކި ބައިތައް، އެކި އަތޮޅުތައް ވަކިވަކިން ވިއްކާލަން ކުރެއްވި މަސައްކަތްތައް މިހާރުވަނީ ހުއްޓުވާލެވިފަ." ޝަހިދު ވިދާޅުވި އެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ އިރާދަކުރެއްވިއްޔާ ރާއްޖޭގެ އެއްވެސް ސަރަހައްދެއް، އެއްވެސް ބަޔަކަށް މިލްކުވިޔަ ނުދެއްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!