ހުޅުމާލޭގެ 1000 (ވެށިފަހިމާލެ) ފުލެޓު މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވިފައިވާ ފުލެޓުތަކުގައި ކުލަ ލުމުގެ މަސައްކަތް އެޗްޑީސީ އިން ފަަށައިފިއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަސައްކަތް ކުރަމުން އަންނަނީ ފްލެޓް ނަންބަރު 83 އިން 112 އަށް އެއްމެދު އިމާރާތްތަކުގެއެވެ. އެގޮތުން، ބޭރުފާރުގެ ކުލަ އައުކުރުމެގެ މަސައްކަތް މިދިޔަ މަހުގެ 23 ގައި ވަނީ ފަށައިފައެވެ.

Ad
rt

މި މަސައްކަތުގެ ދަށުން އިމާރާތުގެ ބޭރުފާރާއި، ފުލެޓުތަކުގެ ބެލްކަނީގެ އެތެރެފާރުގައި ކުލަލެވޭނެއެވެ. އަދި ފުލެޓުގެ ރެނދު ބެއްދުމުގެ މަސައްކަތްވެސް ކުރިއަށް ދާނެއެވެ.

މި މަސައްކަތް ހަތަރުމަސް ދުވަސްތެރޭ ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ކޮންމެ އިމާރާތެއްގެ މަސައްކަތް ފެށުމުގެ ކުރިން އެ އިމާރާތުގެ ފުލެޓުތަކަށް ނޯޓިސް ދެވޭނެ ކަމަށާއި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކުން އެ ފުލެޓުތަކުގެ ބެލްކަނީގެ ފާރުގައި ކުލަލުމަށް މަސައްކަތްތެރިންނަށް މަގުފަހިކޮށްދިނުމަކީ އެ ފުލެޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އިމާރާތުގެ ބޭރު ފާރުގައި ކުލަލުމަށް ގުންގު/ސިޑި ފަދަ ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، އިމާރާތުގެ ބޭރުގައި ބެހެއްޓިފައިވާ ގަސްމުށި، ހަރު، ފެންސު، އިމާރާތުގެ އާންމު ބައިތަކުގައި ބެހެއްޓިފައިވާ ތަކެއްޗާއި އިންދާފައިވާ ގަސް އަދި އެހެނިހެން ހިފާ ގެންގުޅޭ ތަކެތި އެއްކައިރި ކުރުމަކީ ނުވަތަ ނެގުމަކީ އެތަކެތީގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މީގެއިތުރުން، ނުނަގާ ނުވަތަ ނުގެންގޮސް ހުންނަ ތަކެއްޗަކީ ބޭނުންނެތިގެން ދޫކޮށްލައިފައިވާ ތަކެތި ކަމަށް ބަލައި، އެތަކެއްޗާއިމެދު ފެންނަގޮތަކަށް އަމަލުކުރުމުގެ އިހުތިޔާރު އެޗްޑީސީއަށް ލިބިގެންވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މަސައްކަތް ކުރިޔަށް ގެންދިއުމަށްޓަކައި އިމާރާތުގެ ބޭރުގައި ބެހެއްޓިފައިވާ ތަކެއްޗާއި، ހުއްދައާއި ނުލާ ހައްދާފައިވާ ގަސްތައް ހިމެނޭ ގޮތަށް ތަކެތި އެއްކައިރި ކުރުމުގެ ތެރޭގައި އެތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަކަށް ޒިންމާނުވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.