ށ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން ރާވާ ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް، މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުޞަތުގެ ދަށުން، އެންމެ ރަނގަޅު ޕްރޮޕޯސަލް ހެޅި ތިން ޖަމިއްޔާއަށް އެހީ ދީފިއެވެ.

މިގޮތުން މިފަހަރުގެ ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅައިގެން ށ. އަތޮޅު ކައުންސިލްގެ އެހީ ލިބުނީ މާއުނގޫދޫގެ، މާއުނގޫދޫ އެސޯސިއޭޝަން ފޯ އައިލެންޑް ޑިވެލޮޕްމަންޓް (އެމްއޭއައިޑީ) އަށާއި، މިލަންދޫގެ މިލަންދޫ ސްޕޯޓްސް ކްލަބަށާއި އަދި ފުނަދޫގެ ޔުނިޓީ ސްޕޯޓްސް އެކަޑަމީ އެވެ.

Ad
rt

މި ތިން ޖަމިއްޔާގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް 75000 (ހަތްދިހަ ފަސްހާސް) ރުފިޔާ، ތިން ޖަމިއްޔާގެ އަށް ޖުމްލަ 225،000 ރުފިޔާގެ އެހީ ވަނީ ދީފައެވެ.

މި ޖަމިއްޔާތައް ކަނޑައަޅާފައި ވަނީ މިކަމަށް ހުޅުވާލި ފުރުސަތުގައި ޖަމިއްޔާތަކުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ އިވެލުއޭޝަންއިން އެންމެ މަތިން ޕޮއިންޓް ލިބުނު ޖަމިއްޔާތަކަށް ބަލައިގެން ކަމަށް ށ. އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.

ށ. އަތޮޅުގައި ހިންގަމުން އަންނަ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ މުޖްތަމަޢު ބާރުވެރިކުރުމާއި، އިޖްތިމާޢީ ތަރައްޤީއާއި އިޖްތިމާއީ ރޫޙް އަލާކޮށް ދިރުވުމަށް ށ.އަތޮޅުގެ މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ފުރުޞަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ ދިވެހިރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާބެހޭ ޤާނޫނު ގެ ދަށުން ރަޖިސްޓްރީވެފައިވާ އަދި ޖަމިއްޔާތަކުގެ ތެރެއިން ރަޖިސްޓްރީކުރި ފަހުން 1 (އެކެއް) އަހަރު ވެފައިވާ އެ އަތޮޅަށް ނިސްބަތްވާ ޖަމިއްޔާތަކަށެވެ.

މި ޕްރޮގްރާމްގެ ދަށުން މާލީ އެހީ ދޫކޮށްފައި ވަނީ މުޖްތަމަޢު ބާރުވެރިކުރުމަށާއި، އިޖްތިމާޢީ ތަރައްޤީއަށް އަދި އިޖްތީމާޢީ ރޫޙް އާލާކޮށް ދިރުވުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ.

މި ޕްރޮގްރާމާއި ގުޅިގެން ށ. އަތޮޅު ކައުންސިލް ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) "ތިލަދުން" އަށް ވިދާޅުވެފައި ވަނީ، މި ޕްރޮގްރާމަކީ އެ ކައުންސިލްގެ ފަސް އަހަރުގެ ތަރައްގީގެ ޕްލޭންގައި ހިމަނައިގެން ކޮންމެ އަހަރަކުމެ ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

"އެ ޕްލޭން އެކުލަވާލުމުގައި އަޅުގަނޑުމެން މަޝްވަރާތައް ހިންގިއިރު ޖަމިއްޔާތަކާ ކުރެވުނު މަޝްވަރާތަކުގައި ޖަމިއްޔާތަކުން އެންމެ ބޮޑަށް ފާހަގަކުރި އެއް ކަންތައް އެއީ މާލީ ދަތިކަމާހެދި އެދެވޭ ގޮތުގައި ޖަމިއްޔާތައް ހިންގަން ދަތިވާހަކަ، އެހެންވީމަ އެކަމަށް އެހީތެރިކަމެއްވުމުގެ ގޮތުން މި ޕްރޮގްރާމް ހިންގަން ހިމެނީ" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން ޖަމިއްޔާތައް ހަރަކާތްތެރިވުމަށް އިތުރުބާރަކަށްވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިފަދަ އިތުރު ޕްރޮގްރާމްތައް ވެސް ކުރިއަށް އޮތްތާ ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.