ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުން ޓޫރިޒަމްގެ ރަން ދުވަސްވަރު އަންނާނެ ކަމަށް ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ މުހަންމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގ ގައި ވާހަކަ ދައްކަމުން އެމްޔޫ މަނިކު ވިދާޅުވީ ހުރިހާ ފަންތިއެއްގެ ރިސޯޓުތައް ރާއްޖޭގައި ހުޅުވިގެން ގޮސް ރާއްޖެއަކީ ޓޫރިޒަމްގެ “ބެންޗް މާކް”އަށް ވެގެން ގޮސްފައިވާ ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ރަން ދުވަސްވަރު އެ އަންނަނީ އަދި ކިރިޔާ ކަމަށާއި އެ ދުވަސް އަންނައިރަށް އަޅުގަނޑުމެންގެ އިކޮނަމީ ޑަބަލްވެގެން ދާނެ ކަމަށެވެ.

ވަރަށް ގިނަ ގޮތްގޮތުން އަންނާނެ ފާޑުފާޑުގެ ޝޮކްސް އަންނާނެކަން ފާހަގަކުރައްވާ އެމްޔޫ މަނިކު ވިދާޅުވީ އެ ޝޮކްތައް ވެސް އަޅުގަނޑުމެން ޖެހޭނީ އޯވަރައިޓްކުރަން ކަމަށެވެ.

ޓޫރިޒަމް ދާއިރާގައި އެމްޔޫ މަނިކުގެ ތަޖުރިބާ އާއެކު އިތުރަށް ވިދާޅުވީ ހަނިމާދޫ ނޯތުގެ ހަބަކަށް ވާނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވަން ތައްޔާރުވަމުން އަންނައިރު، އެކަމަށް އިޝާރާތްކުރައްވައި އެމްޔޫ މަނިކު ވިދާޅުވީ އާ ރަންވޭ ހުޅުވި އާ ޓާމިނަލް ހުޅުވިގެން ދިޔުމުން ރާއްޖޭގެ ކެޕޭސިޓީތައް އިތުރަށް ބޮޑުވެގެންދާނެ ކަމަށެވެ. އަދި ޑޮމެސްޓިކް ރީޖަނަލް އެއާޕޯޓުތައް މިހާރަށްވުރެ ބޮޑަށް ތަރައްގީވެގެން ދިޔުމުން ރާއްޖެ ވެގެންދާނީ ސީދާ “ސާވިސް” ތަނަކަށް ކަމަށެވެ.

"ފަތުރުވެރިކަމަކީ ރަނގަޅު އެއްޗެއް ކަމަށް މި ސަރުކާރުން ބަލައިގަތުމަކީ މުޅި އެ ސިނާއަތުން އުފާކުރަން ޖެހޭ ކަމެއް. މިއަދު ފަތުރުވެރިކަން މިހާ ހިސާބަށް އައިސްފައިވަނީ ބޮޑެތި “ރިސްކު” ތައް ނަގައިގެން. މި ސިނާއަތާއިމެދު އަޅުގަނޑުމެން އަބަދުވެސް ވިސްނައިގެން ތިބެންޖެހޭނީ." އެމްޔޫ މަނިކު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.