އޭޝިއަން ޑިވެލޮޕްމަންޓު ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ގެ އެހީއެއް ދީފިއެވެ.

މި އެހީއަކީ ރާއްޖޭގެ ކޮވިޑް-19 ވެކްސިން ޕްރޮގްރާމަށް އެހީވުމުގެ ގޮތުން އޭޑީބީން ދިން އެހީއެކެވެ.

Ad
rt

އިއްޔެ މި އެއްބަސްވުމުގައު ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ.

އޭޑީބީގެ ދެކުނު އޭޝިއާ ސަރަހައްދުގެ ހެލްތު ސްޕެޝަލިސްޓް ޑައިލިން ޗެން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއިން ވަނީ ވެކްސިން ޕްރޮގްރާމުގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދައިފައެވެ. އަދި މި އެހީގެ ސަބަބުން ވެކްސިން ކޯލްޑް ސްޓޯރެޖްތައް އިތުރަށް ތަރައްގީ ކުރެވި، ވެކްސިން ޑެލިވަރީ ކުރުމާއި މޮނިޓަ ކުރުމާއި މެނޭޖްމަންޓް ކެޕޭސިޓީ އިތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭޑީބީން ބުނެފައިވާ ގޮތުގައި އެ ބޭންކުން ދޭ އެހީގެ ދަށުން ހުޅުމާލޭގައި ސެންޓްރަލް ކޯލްޑް ސްޓޯރޭޖެއް ހަދާނެއެވެ. މި ސްޓޯރޭޖްގައި ވެކްސިނާއި މެޑިކަލް ސާމާނާއި ލެބޯޓްރީ ސާމާނު ރައްކާ ކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

މީގެ އިތުރުން އެކި ރަށްތަކަށް ފަސޭހަކަމާއެކު ވެކްސިން ފޯރުކޮށްފިނުމަށް ހަތް ސްޕީޑް ލޯންޗާއި ދެ ރެފްރިޖަރޭޓެޑް ޓްރަކާއި ދެ ވޭން ފޯރުކޮށްދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އޭޑީބީން ވަނީ މީގެ ކުރިން ވެސް ކޮވިޑާ ގުޅިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން "ކޮވިޑް އެކްޓިވް ރެސްޕޮންސް އެންޑް އެކްސްޕެންޑިޗަރ ސަޕޯޓް" ޕްރޮގްރާމްގެ ދަށުން 50 މިލިއަން ޑޮލަރާއި "އޭޝިއަން ޕެސިފިކް ޑިޒާސްޓަރ ރިލީފް ފަންޑް"ގެ ދަށުން 1.5 މިލިއަން ޑޮލަރާއި، ޓެކްނިކަލް އެސިސްޓަންސްގެ ގޮތުގައި 2 މިލިއަން ޑޮލަރުގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.