އުރީދޫ ފިންޓެކްގެ ޑިޖިޓަލް ވޮލެޓް ކަމަށްވާ އެމް-ފައިސާ، ދަތުރުފަތުރުގެ ހިދުމަތްދޭ އޮޑިގޯ އެޕާ ގުޅާލައި، ރަށްރަށުގެ ދަތުރުތަކުގެ ބުކިންގްތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން އިއުލާނުކޮށްފިއެވެ. މި އާ ހިދުމަތާއެކު މުޅި ރާއްޖޭގައި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ކަސްޓަމަރުންގެ އާންމު ދަތުރުފަތުރުގެ ކަންކަން އިތުރަށް ލުއިފަސޭހަވެގެންދާނެއެވެ.
އޮޑިގޯ އެޕްގައި ފައިސާ ދެއްކޭނެ ނިޒާމެއްގެ ގޮތުގައި މިހާރު އެމް-ފައިސާ ހިމަނާފައިވާއިރު، ކަސްޓަމަރުންނަށް ފެރީ އަދި ސްޕީޑްބޯޓުތަކުގެ ޝެޑިއުލްތައް ހޯދައި، ލިބެން ހުރި ދަތުރުތައް އަޅައި ބަލައި، އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ސީދާ ފައިސާ ދެއްކުމުގެ މުއާމަލާތްތައް ފުރިހަމަކޮށްލެވޭނެއެވެ. ބުކިންގް ކަށަވަރުވުމާއެކު، ކަސްޓަމަރުންނަށް ޑިޖިޓަލް ބޯޑިންގް ޕާހެއް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.
މި ގުޅާލުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ ފިންޓެކްގެ މޯލްޑިވްސް ކަންޓީ ހެޑް، އަހުމަދު ނުއުމާން ވިދާޅުވީ އުރީދޫގައި އެމް-ފައިސާއާ މެދު ދެކޭ ތަސައްވުރަކީ ހަމައެކަނި ޑިޖިޓަލް ޕޭމަންޓްތަކަށް ވުރެ ފުޅާ ތަސައްވުރެއް ކަމަށެވެ. އަދި ދިވެހިން ކޮންމެ ދުވަހަކު ބޭނުންކުރާ ޕްލެޓްފޯމުތަކުގެ ތެރެއަށް ފަސޭހައި ލިބޭނެ މާލީ ހިދުމަތްތައް ގެނެސްދީ، އާންމު ދިރިއުޅުން އިތުރަށް ފަސޭހަކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޮޑިގޯއަކީ ދަތުރުފަތުރާއި، މުނިފޫހިފިލުވުމާއި އަދި ކަނޑުދަތުރުފަތުރާ ގުޅޭ ހިދުމަތްތައް އެއް އެޕަކުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ދިވެހި ޑިޖިޓަލް ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށާއި ފަތުރުވެރިންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިދުމަތްތައް ހޯދައި، ބުކްކޮށް އަދި ބޭނުންކުރުން ފަސޭހަވެގެންދެއެވެ.
ރަށްރަށުގެ ދެމެދުގައި ކުރާ ދަތުރުފަތުރުގެ އިތުރުން، އޮޑިގޯއިން ދަނީ ޒިޕްލައިން މޯލްޑިވްސް ފަދަ ތަޖުރިބާތައް ބުކްކުރުމާއި، އުޅަނދުފަހަރުގެ ވެރިންނާއި ފްރީލާންސް ކެޕްޓަނުންނާ ގުޅާލުމުގެ އިތުރުން، މަސްވެރިކަމުގެ ސާމާނާއި ކަނޑުދަތުރުފަތުރުގެ އާލާތްތައް ހިމެނޭ މާކެޓްޕްލޭސްއެއް ފޯރުކޮށްދެމުންނެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ތަފްސީލީ ކަނޑުގެ ޗާޓު ކަމަށްވާ އޮޑިމެޕާއި ދިވެހި ސަގާފީ މޫސުމީ މައުލޫމާތު ހިމެނޭ ނަކަތް ވެސް މި އެޕްގައި ހިމެނެއެވެ.
އޮޑިގޯ ފަދަ ޑިޖިޓަލް ޕްލެޓްފޯމްތަކާ ގުޅިގެން މަސައްކަތްކޮށް، އުރީދޫ ފިންޓެކުން ދަނީ ދިވެހި އީޖާދުތަކަށް އެއްބާރުލުން ދިނުމާއެކު، މުޅި ގައުމުގައި ނަގުދު ފައިސާއާ ނުލައި މުއާމަލާތްކުރުން އިތުރުކުރުމަށް ހިތްވަރު ދެމުންނެވެ. އޮޑިގޯ އެޕް މިހާރު އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!