ހއ. ކެލާގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން އިތުރުކޮށް، އެ ރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން 400 ކިލޯވޮޓުގެ އައު ޖަނަރޭޓަރު ސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނި ގޮތުގައި، އަލަށް ގެންދިޔަ މި ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމާއެކު، ކެލާަގައި ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުވެގެންދާނެއެވެ. އަދި މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ސްޓެލްކޯގެ ކެލާ ބްރާންޗްއިން މައުލޫމާތު ދެއްވާ ގޮތުގައި މިހާރު އެ ރަށުގައި ބޭނުން ކުރަމުންދަނީ 600 ކިލޯވޮޓްގެ 2 ޖަނަރޭޓަރު ސެޓާއި 400 ކިލޯވޮޓްގެ 1 ޖަނަރޭޓަރު ސެޓެވެ. 600 ކިލޯވޮޓް 2 ޖަނަރޭޓަރު ސެޓްގެ ޙާލަތު ރަނގަޅު ނަމަވެސް 400 ކިލޯވޮޓްގެ ޖަނަރޭޓަރުގެ ޙާލަތު އެހާ ރަނގަޅު ނޫންކަމަށް ވެސް އެ ބްރާންޗްއިން ހާމަކުރެއްވިއެވެ.

ނަމަވެސް އަލަށް ގެނެވުނު ޖަނަރޭޓަރ ސެޓް ބޭނުން ކުރަން ފެށުމުން އެންމެ ފުރިހަމަގޮތުގައި ޚިދުމަތް ދެވޭނެކަމަށް ވެސް އެ ބްރާންޗްއިން މައުލޫމާތު ދެއްވައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި އެ ކުންފުނީގެ އިސް ވެރިންގެ ވަފުދެއް އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ބައްލަވާލެއްވުމަށްޓަކައި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކެލާއަށް ވެސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.