ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަބުޑީ މޯލްޑިވްސް ގުޅިގެން، އެ ރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްޞަ ކްރޮސް ސްޓިޗިންގ ކޯހެއް ރޭ ފަށައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ، މިއީ އަންހެނުންގެ ހުނަރުވެރިކަން އިތުރުކޮށްދީ، އަތުން ތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށި ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

މީގެއިތުރުން، އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ އަންހެނުންނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީވެސް މި ކޯހުގެ މުހިންމު ބޭނުމެކެވެ. ހަމައެއާއެކު، އަންހެނުންގެ މެދުގައި ވިޔަފާރި ކުރުމުގެ ރޫހު އަށަގެންނެވުމާއި، އަމިއްލަ ނަފްސަށް ބަރޯސާވާ ބަޔަކަށް ވުމަށް ހިތްވަރު ދިނުން މި ކޯހުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ކޯސް ރަސްމީކޮށް ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކައުންސިލަރ ސަލްމާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ކައުންސިލަރ އަކުބަރީ މުޙައްމަދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޯސް ފެށުމަށް ބޭއްވި މި ރަސްމިއްޔާތުގައި، ތަމްރީނުގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ކްރޮސް ސްޓިޗިންގ ކިޓްތައް ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.

ކުޅުދުއްފުށީގެ އަންހެނުންނަށްޓަކައި އަމިއްލަފުޅަށް އިސްނަންގަވައިގެން މިފަދަ ބޭނުންތެރި ކޯހެއް ކުރިއަށްގެންދަވާތީ، އަބުޑީ މޯލްޑިވްސްގެ މަސްއޫލުވެރިޔާ އަލްފާޟިލާ އާމިނަތު ޝިހާނާއަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.