އުމްރާއަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ގިނަ އަދަދެއްގެ ބައެއްގެ އަތުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނީ، އަސްކޮއެ ޓްރެވަލްގެ މައްޗަށް ތުހުމަތުކުރެވޭ މި މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި، އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2026 ނޮވެމްބަރު 18 ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައަކީ އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އެ ކުންފުނިން ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނެގުމަށްފަހު، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ހިދުމަތަށް ހުށަހެޅި މައްސަލައެކެވެ. ރަޖިސްޓްރީ ނަންބަރު C-0075/2019 ގައި ރަޖިސްޓްރީކޮށްފައިވާ އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2025 ޖުލައި 16 ވަނަ ދުވަހުއެވެ.

ފުލުހުން ހިންގި ތަހުގީގަށް އެނގިފައިވާ ގޮތުގައި، އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި އުމްރާއަށް ދިއުމަށްޓަކައި ޖުމްލަ 109 މީހަކު ވަނީ އެ ކުންފުންޏަށް ފައިސާ ދައްކާފައެވެ.

އެހެން ނަމަވެސް، އެ އެންމެން ދެއްކި ފައިސާއަށް އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ހިޔާނާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ ކަށަވަރުކުރެވިފައެވެ. އަދި މި މައްސަލައިގައި އެ ކުންފުނިން ހިޔާނާތްތެރިވި ފައިސާގެ ޖުމްލަ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރާ ކަމަށް ފުލުހުން ބުންޏެވެ.

އުމްރާއަށް ދިއުމަށް 100 އަށް ވުރެ ގިނަ މީހުން ދެއްކި 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މި މައްސަލައިގެ ތަހުގީގު ފުލުހުން ނިންމާލިއިރު، މި މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލުމުގެ މަރުހަލާ ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްގެންދާނެކަމަށް ބެލެވެއެވެ.