އއ. ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އއ. ފެރިދޫ / ރޯޒްމީޑް، އުމުރުން 44 އަހަރުގެ އާދަމް ނިމާލް އަދި އެ ރަށު ބިލަމަގުމާގެ، އުމުރުން 43 އަހަރުގެ ޢަލީ ޢާމިރު ކަމަށެވެ.
މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ގެންގުޅެ އަދި ބޭނުންކުރާ ކަމުގެ ތުހުމަތުގައެވެ. މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ފެރިދޫ ޕޮލިސް، ހިމަންދޫ ޕޮލިސް އަދި މާޅޮސް ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އާދަމް ނިމާލް ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ވަނީ ބަލައި ފާސްކޮށްފައެވެ. އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 21 ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭ ކަމަށް ބެލެވޭ ސާމާނުތަކެއް ވަނީ ފެނިފައެވެ.
މީގެ އިތުރުން، މި މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ޢަލީ ޢާމިރު ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 42 ރަބަރު ޕެކެޓުގެ އިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ވަނީ އަތުލައިގެންފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުންގެ އިދާރާއިން މިހާރު ދަނީ މި ދެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 1 ޚިޔާލެއް ލިބިފައިވޭ!
ހިތްވަރެއް ހުރިއްޔާ ދެމީހަކަށް މަރުގެ އަދަބު ދޭއިރަށް މިކަން ހުއްޓޭނެއެވެ. ނޫންނަމަ، މިކަހަލަ މީހުން ދާނީ އިތުރު ވަމުންނެވެ.