މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން ސަވައިލަންސް ޑްރޯންއާއި ބޮޑީވޯން ކެމެރާ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މި ޒަމާނީ ވަސީލަތްތައް ޚިދުމަތަށް ނެރެފައިވަނީ ކަސްޓަމްސްގެ ޚިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ބޭއްވި ޚާއްސަ ޖަލްސާގައެވެ.
ކަސްޓަމްސްގެ މަސައްކަތްތަކުގައި އަލަށް ބޭނުންކުރަން ފެށި ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކޮށްފައިވާ އާލާތެކެވެ. މީގެ އިތުރުން އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އޮފިސަރުން ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ދީފައިވާ ވަސީލަތެކެވެ. މި ވަސީލަތްތަކުގެ ސަބަބުން ކަސްޓަމްސްގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުތައް ބެލެހެއްޓުން އިތުރަށް ހަރުދަނާވެގެންދާނެއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ، އަލަށް ތައާރަފު ކުރެވުނު ބޮޑީވޯން ކެމެރާ އާއި ސަވައިލަންސް ޑްރޯނަކީ ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާ ކުރުމަށް ފެށުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ކުރިމަގުގައި ކަސްޓަމްސްގެ ޚިދުމަތްތައް ތަރައްޤީކޮށް ހަރުދަނާ ކުރުމަށް ގިނަ ކަންކަން ރޭވިފައިވާ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
"މީގެ ސަބަބުން ކަސްޓަމްސްއަށް އޮތް އިތުބާރާއި ޔަޤީންކަން އިތުރުވެ، ބައިނަލްއަގުވާމީ ބަދަލުތަކާއި ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދުތައް މޮނިޓާކޮށް ބެލެހެއްޓުން މިހާރަށްވުރެ ވަރުގަދަ ކުރެވިގެންދާނެ،" ދިޔާނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ 136 އަހަރުވީ ދިގު ތާރީޚުގެ މައްޗަށް އެކުލަވާލާފައިވާ ޚާއްސަ ފޮތެއްވެސް ވަނީ ނެރެފައެވެ. "އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ޚިދުމަތުގައި 136 އަހަރު" މި ނަމުގައި ނެރުނު މި ފޮތުގައި، އެ މުއައްސަސާގެ ދިގު ތާރީޚާ ގުޅުންހުރި މުހިންމު ގިނަ މަޢުލޫމާތުތަކެއް ވަނީ ހިމަނާފައެވެ.
އަހަރީ ދުވަހުގެ ޖަލްސާގައި ކަސްޓަމްސްގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން އިނާމާއި ޝަރަފުގެ ކުލަ ވަނީ ދީފައެވެ. އެގޮތުން، ކަސްޓަމްސްގެ އޮފިސަރުންނަށް އެރުވޭ އެންމެ މަތީ ޝަރަފު ކަމަށްވާ 'ރައީސުލްޖުމްހޫރިއްޔާގެ ކުލަ' ހަތަރު އޮފިސަރަކަށް ވަނީ އަރުވާފައެވެ.
މީގެ އިތުރުން، ކަސްޓަމްސްގައި 20 އަހަރު ދުވަހު ޚިދުމަތްކުރެއްވި 29 އޮފިސަރަކަށް ރަން ބެޖު ވަނީ އަރުވާފައެވެ. އަދި ޚިދުމަތުގައި ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ދެވޭ ކޮމިޝަނަރ ޖެނެރަލްގެ އެވޯޑު 28 އޮފިސަރަކަށް ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!