މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު، ހއ. ފިއްލަދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ފިއްލަދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، ގަވަރުނަރު އެ ރަށަށް ކުރެއްވި މި ޒިޔާރަތުގެ ތެރެއިން ފިއްލަދޫގެ ޢާންމު ޙާލަތު ވަނީ ބައްލަވާލައްވާފައެވެ.
މި ބައްދަލުވުމުގައި ޤައުމުގެ މާލީ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން އެމްއެމްއޭގެ ޓީމުން ވަނީ ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރައްވާފައިވާކަަމަށް އެ ކައުންސިލުން ބުންޏެވެ.
މީގެއިތުރުން، ޑޮލަރު ލިބުން ދަތިވުމުގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުންވެސް ރައްޔިތުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް އެ ރަށު ކައުންސިލުން ހާމަކުރެއެވެ.
ގަވަރުނަރުގެ މި ދަތުރުގެ ތެރެއިން ފިއްލަދޫ ސްކޫލުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ފައިނޭންޝަލް އެވެއާނަސް ޕްރޮގްރާމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހޭލުންތެރިކުރުމުގެ ޕްރޮގްރާމަކީ އެމްއެމްއޭއާއި، ފިއްލަދޫ ކައުންސިލް އަދި ފިއްލަދޫ ސްކޫލް ގުޅިގެން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
އެމްއެމްއޭ އިން އިންތިޒާމުކޮށްގެން ބާއްވާ މާލީ ހޭލުންތެރިކަމުގެ ޚާއްސަ ހަރަކާތް "ފިންލިޓް ފެސްޓް" ހއ. އަތޮޅުގެ އިތުރު ފަސް ރަށެއްގައި ވެސް ކުރިއަށް ގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!