ސްވިޒަލެންޑުގެ ޖެނީވާގައި ކުރިއަށްދިޔަ 'ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް' (ޖީ.އެފް.ސީ) ގެ ބައިނަލްއަޤްވާމީ ފުރަތަމަ ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި މަހުގެ 16 އިން 20 އަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ، މުހިންމު ދައުރެއް ވަނީ އަދާކޮށްފައެވެ.

މި ކޮންފަރެންސަކީ ކެމިކަލް އަދި ކުނިން އިންސާނުންގެ ޞިއްޙަތަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި އިންތިޒާމުކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.

ޖެނީވާގައި ބޭއްވި މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ސަރުކާރުތަކުގެ މަންދޫބުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ޞިނާޢީ ދާއިރާގެ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތައް އަދި މި ދާއިރާއާ ގުޅުންހުރި އެހެނިހެން ފަރާތްތަކުން ވެސް މި ކޮންފަރެންސްގައި ބައިވެރިވެ މަޝްވަރާތަކުގައި ބައިވެރިވިއެވެ.

މި ކޮންފަރެންސްގެ ތެރެއިން މި އޮނިގަނޑު ނުވަތަ ފްރޭމްވޯކް ތަންފީޛުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ. އެގޮތުން، މަސައްކަތްތައް ކުރިއަށްދާ މިންވަރު ދެނެގަތުމަށް ބޭނުންކުރާނެ ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކެއް (ގްލޯބަލް އިންޑިކޭޓަރސް) ކަނޑައެޅުމުގެ އިތުރުން، މިކަން ތަންފީޛުކުރުމަށްޓަކައި ދެ ޕްރޮގްރާމެއް އެކުލަވައިލުން ހިމެނެއެވެ.

މީގެއިތުރުން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ޤާއިމުކޮށްފައިވާ 'ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް ފަންޑު' ގެ މުއްދަތު 2035 ވަނަ އަހަރާ ހަމައަށް އިތުރުކުރުމަށް ވެސް މި ކޮންފަރެންސްގައި ވަނީ ފާސްކޮށްފައެވެ. މިއީ މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޤައުމުތަކަށް ލިބިގެންދިޔަ މުހިންމު ފުރުޞަތެކެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖަރ ޙަސަން އަޒްހަރެވެ.

މި ފްރޭމްވޯކް ތަންފީޛުކުރުމަށް އެހީތެރިވުމުގެ ގޮތުން، މަސައްކަތުގެ ޕްރޮގްރާމާއި، މުވައްޒަފުން އަދި ބަޖެޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެކުލަވައިލި 'ކޮންޓެކްޓް ގްރޫޕް' ގެ ކޯ-ޗެއަރގެ މަޤާމު ވެސް ކޮންފަރެންސްގެ ތެރެއިން ޙަސަން އަޒްހަރު ވަނީ ފުރުއްވާފައެވެ.