އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އިމްތިހާނުތަކުގައި މަކަރުހަދާ މައްސަލަ ބޮޑުވެ، ގައުމަށް ސިހުން ގެނުވި ހާދިސާތަކަކާ ގުޅިގެން ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު ޗޯއީ ކްޔޯ-ޖިން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިނިސްޓަރު އިސްތިއުފާ ދެއްވީ ބުރާސްފަތި ދުވަހު ބޭއްވި އެ ގައުމުގެ އަހަރީ ކޮލެޖް އެންޓްރަންސް އިމްތިހާނު ނުވަތަ 'ސުނެއުންގް' ގައި އޭއައި ބޭނުންކޮށްގެން މަކަރުހެދުން ހުއްޓުވުމަށް ކުއްލިއަކަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އުފެދުނު އޮޅުންބޮޅުންތަކާއި ހާސްކަމުގެ ފުރިހަމަ ޒިންމާ ނަންގަވަމުންނެވެ. އެ ގައުމުގެ ރައީސް ލީ ޖޭ މިޔުންގް މިހާރު ވަނީ އޭނާގެ އިސްތިއުފާ ގަބޫލުކުރައްވާފައެވެ.

ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިމްތިހާނު ނިމުމަކަށް އައުމާއެކު އަމިއްލަ ޒިންމާ ފުރިހަމައަށް އިހުސާސްކުރައްވައި އިސްތިއުފާ ހުށަހެޅުއްވި ކަމަށް މިނިސްޓަރު ޗޯއީ ވަނީ ވިދާޅުވެފައެވެ. "މިކަމާ ހަވާލުވެހުރި ވަޒީރުގެ ހައިސިއްޔަތުން، ދުރާލައި މިކަމަށް ތައްޔާރުނުވެވުނު ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކުން އަޅުގަނޑަށް ރެކެވެން ނެތް ކަމަށް ގަބޫލުކުރަން،" އާދީއްތަ ދުވަހު ޗޯއީ ވިދާޅުވި ކަމަށް އެ އެޖެންސީން ބުންޏެވެ. އިސްތިއުފާ ގަބޫލުކުރެއްވި ރައީސް ލީ ޖޭ މިޔުންގް އަކީ މިހާރު އޮތް އިމްތިހާނު ނިޒާމު އެއްކޮށް މުރާޖައާކޮށް ބަދަލުކުރުމަށް މީގެ ކުރިންވެސް ގޮވާލައްވަމުން ގެންދެވި ބޭފުޅެކެވެ.

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި، ގާތްގަނޑަކަށް ފަސްލައްކަ ދަރިވަރުން ބައިވެރިވި މި އަހަރުގެ ސުނެއުންގް އިމްތިހާނުގައި ހުއްދަނެތް ސްމާޓް ޑިވައިސްތައް ގެންގުޅުނު 111 ކެންޑިޑޭޓަކު ވަނީ އަތުލައިގެންފައެވެ. ނުވަ ގަޑިއިރަށް ދެމިގެންދާ މި އިމްތިހާނަކީ ދެކުނު ކޮރެއާގެ އެތައް މިލިއަން ދަރިވަރުންގެ ކުރިމަގާއި ވަޒީފާގެ ފުރުސަތުތައް ކަނޑައެޅުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ، އިންތިހާއަށް ވާދަވެރި އިމްތިހާނެކެވެ.

ވާދަވެރި މި އިމްތިހާނުގައި އޭއައި ވަސީލަތްތައް ބޭނުންކޮށްގެން މަކަރުހަދާ ކަމުގެ ކަންބޮޑުވުންތައް އުފެދިގެންދިޔައީ، މިދިޔަ އެޕްރީލް މަހު ބޭއްވި ގައުމީ ޓެކްސް އެކައުންޓެންސީ އިމްތިހާނުން އެއްވަނަ ހޯދި ހަން ވޮން-ސިއޮކް، މަކަރުހެދި ކަމަށް އިއުތިރާފުވުމާ ގުޅިގެންނެވެ. އުމުރުން 34 އަހަރުގެ އެ މީހާ އިމްތިހާނުގެ 160 ސުވާލުގެ ތެރެއިން ނުބައިވީ އެންމެ ސުވާލެއް ކަމަށްވާތީ ގިނަ ބައެއްގެ ޝައްކު އަމާޒުވެފައިވަނިކޮށް، އޭނާ ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް އެކަމަށް އެއްބަސްވެފައެވެ. އޭނާ ބުނެފައިވަނީ އިމްތިހާނު ކަރުދާހުގެ ސުވާލުތައް ފޮޓޯނަގަން މައިކްރޯ ކެމެރާއެއް ބޭނުންކޮށް، އެ ފޮޓޯތައް އޭއައިއަށް ފޮނުވުމަށްފަހު، ސްމާޓްފޯނުން ޖަވާބުތައް ބަލައިގެން މަކަރުހެދި ކަމަށެވެ.

މި އިއުތިރާފާއެކު، ސުނެއުންގް އިމްތިހާނާ ދެމެދު މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ސިއްރު ޑިވައިސްތައް ހޯދުމަށް ކަމާބެހޭ އިދާރާތަކުން ކުއްލި ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން އިމްތިހާނު އޮތް ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 15:00 އާ ދެމެދު، ގައުމީ ކާރިސާތަކުގެ އެލާޓް ސިސްޓަމް މެދުވެރިކޮށް މުޅި ގައުމަށް ތިން ފަހަރެއްގެ މަތިން އިމަޖެންސީ އެލާޓް ފޮނުވިއެވެ. ސައިލެންޓް މޯޑުގައި ހުރި ފޯނުތަކާއި ޑޭޓާ ރޯމިންގް ބޭނުންކުރަމުންދިޔަ ފަތުރުވެރިންގެ ފޯނުތައް ހިމެނޭހެން ގައުމުގެ ހުރިހާ ފޯނެއް އެއްފަހަރާ އަޑުގަދަކޮށް އެލާމްވި ނަމަވެސް، ނިއްވާލާފައި ނުވަތަ އެއާޕްލޭން މޯޑުގައި ހުރި ފޯނުތަކުގައި އެލާޓް އަޑެއް ނީވެއެވެ. މިއީ އިމްތިހާނުގައި މަކަރުހަދާ މީހުން އަތުލައިގަތުމަށް ދެކުނު ކޮރެއާގައި ގައުމީ ކާރިސާތަކުގެ އެލާޓް ސިސްޓަމް ބޭނުންކުރި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ފޮރުވާފައި ހުންނަ ކެމެރާތައް ހުއްޓުވުމަށްޓަކައި ކެންޑިޑޭޓުންގެ ގަމީހާއި ޖެކެޓްތަކުގެ ގޮށްތައް ފޮރުވަން ޖެހުނުއިރު، އޮފިޝަލުން ވަނީ ދަރިވަރުން އަޅައިގެން ތިބި އައިނުތައްވެސް ބަލައި ފާސްކޮށްފައެވެ. މި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ނަޒާހަތްތެރިކަމާއެކު އިމްތިހާނު ހެދި ދަރިވަރުންނަށްވެސް ބޮޑު ހާސްކަމަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން އިމްތިހާނުގެ ކުރިން ހައިސްކޫލް ސީނިއާ ދަރިވަރަކު 'ކޮރެއާ ޓައިމްސް' އަށް ބުނެފައިވަނީ، އޭނާ އަޅައިގެން ހުރި އައިނަކީ ސްމާޓް އައިނެއް ކަމަށް ހީކޮށްފާނެތީ ކަންބޮޑުވި ކަމަށެވެ. އަދި އާންމުކޮށް އައިނު އަޅާ އެހެން ދަރިވަރަކު ޔޮންހަޕަށް ބުނި ގޮތުގައި، އެއްވެސް ޝައްކެއް އުފެދުމުގެ ފުރުސަތު ނުދިނުމަށްޓަކައި އޭނާ ސުނެއުންގް އިމްތިހާނަށް ދިޔައީ އައިނު ނާޅައި، ކޮންޓެކްޓް ލެންސް ލައްވައިގެންނެވެ.