ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި، ނަމަވެސް އެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ބާޒާރުގައި ކެރެޓުގެ އަގު ބޮޑުވުމާ ގުޅިގެން މީޑިއާއަކުން ކުރި ސުވާލެއްގެ ޖަވާބާ ގުޅުވައި، މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި އެ މަނިކުފާނާ ސުވާލު އަމާޒުވީ ކެރެޓު ކިލޯއެއްގެ އަގު ބޮޑުވާން ދިމާވި ސަބަބު ބަޔާންކޮށްދެއްވުމަށެވެ.

އެގޮތުން ކަންހިނގި ގޮތް ބެލިބެލުމުން، ކެރެޓުގެ އަގު އުފުލިގެން ދިޔައީ ސަޕްލައި ކުރުމުގެ މައްސަލައެއް ދިމާވެގެންކަން އެނގިވަޑައިގެންނެވި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މައްސަލައިގެ ތަފުސީލު ހާމަކުރައްވަމުން ވަޒީރު ސައީދު ވިދާޅުވީ، ބާޒާރަށް ކެރެޓުގެ ދަތިކަން ކުރިމަތިވެ ޝޯޓޭޖު އައިއިރު ވެސް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކެރެޓު ކިލޯއެއް 40 ރުފިޔާއަށް ލިބެން ހުރި ކަމަށެވެ.

މީގެ އިތުރުން، ސަޕްލައި މައްސަލަ ދިމާވި ކުންފުނިތަކުގެ މުދާ ވެސް މިހާރު ކްލިއާ ކުރެވިފައިވާ ކަމަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި އަގު ބޮޑުކޮށް ނުވިއްކަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ހަމަ މިވަގުތު ވެސް އެސްޓީއޯގެ ފަރާތުން އިތުރު ކެރެޓް ކޮންޓެއިނަރުތައް ކްލިއާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މާލޭގެ ބާޒާރުގައި އިއްޔެ ކެރެޓް ކިލޯއެއް 170 ރުފިޔާ އަށް ހުރި އިރު، މިއަދު އާންމު ބާޒާރުގައި ކެރެޓް ކިލޯއެއް އުޅެނީ 80 ރުފިޔާއަށެވެ. ނަމަވެސް އެސްޓީއޯއިން ކެރެޓް ކިލޯއެއް ވިއްކަނީ 40 ރުފިޔާ އަށެވެ.