ހުޅުމާލެ ޕޮލިހުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެން ބާއްވާ ހާއްސަ ފޯރަމް މިއަދު ފަށައިފިއެވެ.

"ހުޅުމާލެ ޕޮލިސް ފޯރަމް 2026" ގެ ނަމުގައި ކުރިއަށްގެންދާ މި ފޯރަމް ކުރިއަށްދާނީ އެމްޑަބްލިއުއެސްސީ އޮޑިޓޯރިއަމްގައެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފޯރަމްގެ މައިގަނޑު މަގުސަދަކީ، ކުރިއަށް އޮތް އަހަރަށް ހުޅުމާލެ ޕޮލިހުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައެޅުމާއި، ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ.

މި ފޯރަމްގެ ޝަރަފުވެރި މެހުމާނަކީ ނޮދަން ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމެވެ. މީގެ އިތުރުން ހުޅުމާލެ ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި، ހާއްސަ ދައުވަތު އެރުވިގެން ބައިވެރިވި ބައެއް ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި، ހުޅުމާލެ ޕޮލިސްގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި މުވައްޒަފުން މި ބައްދަލުވުމުގައި ބައިވެރިވެއެވެ.

ފޯރަމްގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވީ، 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވައިލުމާއެކު ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައެޅުމަށް މި ފޯރަމަކީ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި މިއީ މަސައްކަތްތަކާ މެދު ފުންކޮށް ވިސްނައި، ކުރިމަތިވާ ގޮންޖެހުންތައް ވަޒަންކޮށް، ކުރިއަށް އޮތް އަހަރު ފުލުހުންގެ ޚިދުމަތް ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަތުމަށް ލިބޭ ބާރެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮންމެ ޑިޕާޓްމަންޓަކާއި ޔުނިޓަކުން ވެސް އިސްކަންދޭންވީ ކަންކަމާއި ޒިންމާތަކާއި، ހުޅުމާލެ ޕޮލިސްގެ ޖުމުލަ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އަދާކުރަންޖެހޭ ދައުރު ސާފުކޮށް ބަޔާންކޮށްދިނުމަކީ މި ފޯރަމްގެ މުހިންމު ބޭނުމެއް ކަމަށް އާސިމް ވިދާޅުވިއެވެ. އަދި 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ މަސައްކަތްތައް އެކުލަވައިލަންވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ހުޅުމާލޭގެ އެކްޓިވިޓީ ކަލަންޑަރު އެކުލެވިގެން ދާންވާނީ އޮޕަރޭޝަނަލް ޕޮއިންޓް އޮފް ވިއުއިން މި އުސޫލުތައް ފެންނަން އޮންނާނެހެން އަދި ނަތީޖާ ނެރެވޭނެ ފަދަ އިންތިޒާމެއްގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެކްޓިވިޓީ ކަލަންޑަރު ތައްޔާރުކުރާއިރު، މުވައްޒަފުންގެ ގާބިލުކަމާއި ވަސީލަތްތަކާއި ނަތީޖާ ނެރެވޭނެ ފަދަ ކަންކަމުގެ އިތުރުން، މުޖުތަމައުގެ ބައިވެރިވުމާއި ކުށްމަދުކުރުމާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ހުޅުމާލޭގެ ރައްޔިތުންނާއި މުއައްސަސާތަކާއި ޖަމުއިއްޔާތަކުގެ ބައިވެރިވުން އިތުރުކުރެވޭނެ ހަރަކާތްތައް ހިމަނަންޖެހޭނެ ކަމަށް އާސިމް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، މޮނިޓަރިން އަދި އިވެލުއޭޝަން ކަލަންޑަރުގައި ހިމެނޭ ކޮންމެ ކަމެއް ހިނގާނުހިނގާ ގޮތް ބެލުމާއި، ލިބޭ ނަތީޖާ ވަޒަންކުރުމުގެ ސާފު ނިޒާމެއް އޮންނަންޖެހޭނެ ކަމަށްވެސް އާސިމް ޢަބްދުﷲ ގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.