ނިއުޒީލެންޑާ ދެކޮޅަށް އިންޑިއާ މިހާރު ކުޅެމުންދާ ފުރަތަމަ ޓެސްޓް މެޗުގެ ފުރަތަމަ އެގާރައިން ފާސްޓް ބޯލަރު މުހައްމަދު ސިރާޖު ބާކީކުރީ ދީނީ ތަފާތުކުރުންތަކެއްގެ ސަބަބުން ކަމަށް ބުނެ، ކޮންގްރެސް ޕާޓީގެ މެންބަރަކު ކުރެއްވި ތުހުމަތުތަކާ އެ ޕާޓީގެ ލީޑަރު މުމްތާޒް ޕަޓޭލް ދެކޮޅު ހައްދަވައިފިއެވެ.

މުމްތާޒް ވިދާޅުވީ އިންޑިއާގެ ކްރިކެޓް ޓީމަށް ކުޅުންތެރިން ނަގަނީ ދީނަށް ބަލައިގެން ނޫން ކަމަށާއި، އަބަދުވެސް ބަލަނީ ކުޅުންތެރިޔާގެ ފޯމަށް ކަމަށެވެ.

މި މައްސަލަ ހޫނުވެފައިވަނީ ކޮންގްރެސް ޕާޓީގެ ޕާލިމަންޓް މެންބަރު އިމްރާން މަސްއޫދު، ސިރާޖު ޓީމުން ބާކީކުރީ އޭނާގެ ދީނަށް ބަލައިގެން ކަމަށް ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ. ނަމަވެސް، މުމްތާޒް ޕަޓޭލް ވަނީ މަސްއޫދުގެ އެ ވާހަކަތަކާ ދުރަށް ޖެހިވަޑައިގެން، ކުޅިވަރުގެ ތެރެއަށް ދީނީ ތަފާތުކުރުންތައް ވެއްދުމާ ދެކޮޅަށް އަޑުއުފުއްލަވާފައެވެ.

ކްރިކެޓް ކުޅިވަރަކީ ނަފްރަތާއި ދީނީ ބައިބައިވުންތަކަށް ޖާގައެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވަމުން މުމްތާޒް ވިދާޅުވީ، "ޓީމު އިންޑިއާ" ގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ވެސް އަދި އެންމެ މުހިންމު ކަމަކީ އިންޑިއާ ކަމަށެވެ. އަދި އިންޑިއާގެ ރައްޔިތުން އަބަދުވެސް ކްރިކެޓް ކުޅިވަރު ބަލައިގަންނަނީ އަދި އެ ކުޅިވަރަށް ލޯބިކުރަނީ އެއްވެސް ތަފާތުކުރުމެއް ނެތި އެއް ހަމައެއްގައި ކަމަށްވާއިރު، މިފަދަ ދީނީ ބައިބައިވުންތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އިންޑިއާގެ ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމުގައި އަބަދުވެސް އިސްކަންދެނީ ކުޅިވަރުގެ ހުނަރާއި ގާބިލުކަމަށް ކަމަށާއި، މުޖުތަމައުގެ ތެރޭގައި ހުންނަ ބައިބައިވުންތަކުގެ އަސަރު ކްރިކެޓަށް ފޯރާފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެ ވަގުތަކު އެންމެ ރަނގަޅު ފޯމުގައި ތިބޭ އަދި ޓީމެއްގެ ގޮތުގައި ވަކި މުބާރާތަކަށް އެންމެ އެކަށޭނަ ކުޅުންތެރިން އަބަދުވެސް ހޮވަމުން އަންނަ ކަމަށް މުމްތާޒް ވިދާޅުވިއެވެ.

އަދި ސްޓޭޓްތަކުގެ ނަމުގައި ނުވަތަ ދީނާއި، ސަގާފަތާއި، ވަކި ޒާތެއްގެ ނަމުގައި ކްރިކެޓް ބައިބައިވެގެންދާތަން ދުވަހަކުވެސް ފެނިފައިނުވާ ކަމަށާއި، އެފަދަ ކަންކަން ކުޅިވަރާ ދުރުގައި ބެހެއްޓުމަށް އޭނާ ގޮވާލެއްވިއެވެ.

ކްރިކެޓްގެ މައްސަލައިގައި ވާހަކަ ދައްކަވަމުން، ސިޔާސީ ވާދަވެރި ލީޑަރުންގެ ނަން ހާމަނުކުރައްވައި މުމްތާޒް ވަނީ އެފަރާތްތަކުން ގައުމުގައި ދީނީ ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. އެގޮތުން، ސްޓޭޖުތަކަށް އަރައި މީހުން އަޅާ ހެދުމަށް ބަލައިގެން މީހުން ދެނެގަތުމުގެ ވާހަކަ ދެއްކުމާއި، ބައިބައިވެއްޖެނަމަ ބުރިބުރިވެގެން ހިނގައިދާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކުގެ ސަބަބުން ގައުމުގައި ނޭދެވޭ މާހައުލެއް އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މުމްތާޒް ވިދާޅުވީ އެފަދަ ހުރިހާ ކަމެއް އެއްފަރާތްކޮށް، އިންޑިއާއަކީ އެއްބައިވަންތަ ގައުމެއްގެ ގޮތުގައި އޮންނަންޖެހޭ ކަމަށެވެ. އަދި ޚާއްސަކޮށް ކްރިކެޓްގެ ތެރޭގައި އެންމެން ވެސް ތިބީ "ޓީމު އިންޑިއާ" ގެ ގޮތުގައި އެކަތިގަނޑެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.