ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ފަސް ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާ ގުޅިގެން، އެ ޤާނޫނަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
މި ޤާނޫނަށް ގެނެވުނު އިޞްލާޙަކީ 2026 ނޮވެމްބަރު 17 ވީ އަންގާރަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި އިޞްލާޙުގެ ސަބަބުން ޓެކުހާ ގުޅޭ ނިންމުންތައް އިސްތިއުނާފު ކުރުމުގައި މީގެކުރިން ޢަމަލުކުރަމުން އައި އުސޫލުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އަލަށް ގެނެވުނު މި އިޞްލާޙުގައިވާ ގޮތުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅާފައިވާ ޓެކުހުގެ އަދަދަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި މައްސަލަ އިސްތިއުނާފުކުރެވޭ ޙާލަތްތަކުގައި ޢަމަލުކުރަންޖެހޭ އުސޫލު ވަނީ ހަރުދަނާކޮށްފައެވެ.
އެގޮތުން، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދެވޭނީ، އިސްތިއުނާފުކުރާ އަދަދުގެ މަދުވެގެން 50 އިންސައްތައާ އެއްވަރުގެ އަދަދެއް މީރާއަށް ދައްކައި ޚަލާޞްކުރުމަށްފަހުގައި ކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މައްސަލަ އިސްތިއުނާފު ކުރުމުގެ ކުރިން އެ ފައިސާ ދެއްކުން މިހާރު މަޖުބޫރުވާނެއެވެ.
މީގެއިތުރުން، އިސްތިއުނާފުކުރާ އަދަދުގެ 50 އިންސައްތައިގެ ބަދަލުގައި، އެ މައްސަލައެއްގައި ހިމެނޭ މުޅި ޖުމްލަ އަދަދު އެއްކޮށް ދައްކައި ޚަލާޞްކުރަންޖެހޭ ޙާލަތްތައްވެސް މި އިޞްލާޙުގައި ވަނީ ވަކިން ބަޔާންކޮށްފައެވެ.
ހަމައެއާއެކު، އެފަދަ ޙާލަތެއް މެދުވެރިވާ ހިނދު، ޓެކްސް ދައްކާ ފަރާތުން ޓްރައިބިއުނަލުގައި އިސްތިއުނާފުކުރާ އަދަދާ ގުޅިގެން އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓެއް ދައްކަންޖެހިފައި އޮތްނަމަ، އެ ފައިސާއާމެދު ޢަމަލުކުރަންޖެހޭ ގޮތުގެ ތަފްޞީލުތައްވެސް މި ޤާނޫނުގައި ސާފުކޮށް ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 1 ޚިޔާލެއް ލިބިފައިވޭ!
ޓެކުސް ނެގުމަކީ ރަނގަޅު ކަމެއް..އެކަމަކު އޭގެ ފަހަތަށް އެއަންނަނީ ކޮން އިންޓަރެސްޓް އެއްތޯ ހަމަ ސަތޭކަ ޕަސެންޓް މުސްލިމް ވީމަ ވާގޮތެއް ތޯ؟ ނޭގޭތީ އަހާލީ