މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ބޭރުގެ ފަރާތްތަކުން ދޭ އިންބައުންޑް ޓޫރިޒަމް އަދި ބުކިންގ ޚިދުމަތްތަކުން ޖީއެސްޓީ ނެގުން ހުއްޓުވުމަށް އެކުލަވައިލި ބިލެކެވެ.
ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް ގެނައި މި އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ބިލު ޝާއިޢުކުރައްވާފައެވެ. އަދި ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
މި ބިލަކީ 2026 ނޮވެންބަރު 17 ވީ އަންގާރަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ.
މި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ ތެރޭގައި ހިމެނިގެން، ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުވައިދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަށާއި އެފަދަ ޕްރޮޑަކްޓަކާ ގުޅޭގޮތުން ފޯރުވައިދޭ އޭޖެންސީ ޚިދުމަތަށް ނުވަތަ ބުކިންގ ޚިދުމަތަށް 1 އޮކްޓޫބަރު 2026 އިން ފެށިގެން ނަގަމުން އައި ޖީ.އެސް.ޓީ ނެގުން ހުއްޓުވުމަކަށް ގެނައުމެވެ.
މީގެއިތުރުން، ޓެކްސް ނިޒާމުގެ ތެރެއިން ޖީ.އެސް.ޓީ ދެއްކުމުން އެއްކިބާވުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އިންތިޒާމުތައް ހަރުދަނާކުރުން ވެސް މި ޤާނޫނުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތަކާމެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް މި އިޞްލާޙުގެ ދަށުން ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު މި 9 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށުމާއެކު، ބޭރުގެ އޭޖެންސީތަކުންނާއި ބުކިންގ ޚިދުމަތްދޭ ފަރާތްތަކުން ނަގަމުން އައި ޖީއެސްޓީ ނެގުން މިހާރު ވަނީ ރަސްމީކޮށް ހުއްޓުމަކަށް އައިސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!