މިޔަންމާގެ އަސްކަރިއްޔާއިން ރާޚައިން ސްޓޭޓްގެ އުތުރުގައި ހިންގި އޮޕަރޭޝަންތަކުގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ނަސްލުހޭދު (ޖެނޮސައިޑް) ގެ އަމަލުތައް ހިންގުމުގައި އެ ގައުމު ޒިންމާވާން ޖެހޭނެ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ނިންމުމަށް ބަންގްލަދޭޝްއިން ބުރާސްފަތި ދުވަހު މަރުހަބާ ކިޔައިފިއެވެ. އަދި މި ހުކުމުގެ ސަބަބުން ރޮހިންޔާ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމަށް އަވަށްޓެރި މިޔަންމާއަށް ބާރުއެޅިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

އދ. ގެ އެންމެ މަތީ ކޯޓުން މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ ފަނޑިޔާރުންގެ 9-6 ގެ އަޣުލަބިއްޔަތުންނެވެ. މިއީ 2017 ވަނަ އަހަރު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކާ ގުޅިގެން، ނަސްލު ނައްތާލުމުގެ އަމަލުތަކަށް ދައުލަތެއް ޒިންމާދާރުކުރި ފުރަތަމަ ފަހަރެވެ. މި ނިންމުމަކީ ތާރީޚީ އަދި ނުހަނު އެދެވޭ ފައްސި ނިންމުމެއްގެ ގޮތުގައި ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ޝާމާ އުބައިދު އިސްލާމް ވަނީ ސިފަކުރައްވާފައެވެ.

Ad
rt

ޑާކާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝާމާ އުބައިދު ވިދާޅުވީ، ރޮހިންޔާ ރައްޔިތުން އެނބުރި ގައުމަށް ދާން ބޭނުންވަނީ އިއްޒަތާއި ކަރާމާތާއެކުގައިކަން މިޔަންމާގެ ސަރުކާރަށާއި އަރަކާން އާމީއަށް ވިސްނޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. "މިއަދުގެ ނިންމުމަށް އެ ފަރާތްތަކުން އިހުތިރާމްކޮށް، ރޮހިންޔާއިން އަނބުރާ ފޮނުވުމުގެ މަރުހަލާ ފަށާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން،" އޭނާ ވިދާޅުވިއެވެ. އަދި މި ހުކުމުގެ ސަބަބުން ރާޚައިން ސްޓޭޓުން ރޮހިންޔާ މުޖުތަމައު އެއްކޮށް ނައްތާލުމަށް ހިންގާފައިވާ އަމަލުތައް ހާމަވެގެން ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ވީ އެންމެ އަވަހަކަށް ރޮހިންޔާ ރައްޔިތުން އަނބުރާ ފޮނުވުމުގެ މަސައްކަތް ފެށުމަށްޓަކައި، މިޔަންމާ ސަރުކާރަށާއި އަރަކާން އާމީއަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ޝާމާ އުބައިދު ވަނީ ގޮވާލައްވާފައެވެ.

މިޔަންމާގައި ރޮހިންޔާ މީހުންނާ ދެކޮޅަށް ހިންގާފައިވާ އަދި މިހާރުވެސް ހިންގަމުންދާ ބޭއިންސާފާއި، އަނިޔާވެރިކަމާއި، ގާނޫނާ ޚިލާފު އަމަލުތަކާއި ނަސްލުހޭދުގެ ޖަރީމާތަކާ ދެކޮޅަށް އިސްނަގައިގެން ދަ ގެމްބިއާއިން މަސައްކަތް ކޮށްފައިވާތީ، އެ ގައުމުގެ ސަރުކާރަށްވެސް ޝާމާ އުބައިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އައިސީޖޭގެ މި ނިންމުމާ ގުޅިގެން އަނިޔާވެރި ހަމަނުޖެހުންތަކެއް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް މިޔަންމާގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ އދ. ގެ ޚާއްސަ ރެޕަޓުއާ ކެލީ ކަރީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން އުބައިދު ވިދާޅުވީ ބަންގްލަދޭޝް ސަރުކާރު އޮތީ ފުރިހަމަ ސަމާލުކަމާއި ހޭލުންތެރިކަމާއެކު ކަމަށެވެ.

މިޔަންމާގެ އަސްކަރިއްޔާއިން 2017 ވަނަ އަހަރުގެ އޯގަސްޓް މަހު ހިންގި އަނިޔާވެރި އޮޕަރޭޝަނާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް ފިލައިގެން ދިޔަ މީހުންނާއެކު، ބަންގްލަދޭޝްގެ ދެކުނު އިރުމަތީ ކޮކްސް ބާޒާރުގެ އައްސޭރިފަށުގެ ސަރަހައްދުގައި އެ ގައުމުން މިހާރުވެސް ދަނީ ގާތްގަނޑަކަށް 1.3 މިލިއަން ރޮހިންޔާއިންނަށް ހިމާޔަތް ދެމުންނެވެ.