ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް ބުރާސްފަތި ދުވަހު ދިން ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ވެރިރަށް ރިޔާޒުގައި ހުންނަ ސައޫދީ ސޮވްރިން ވެލްތު ފަންޑުގެ ހެޑްކުއާޓާސް ހިންގާ އުސް އިމާރާތަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
މިކަން ސައޫދީން އަދި ކަށަވަރުކޮށްދީފައި ނުވިނަމަވެސް، އޭއެފްޕީ އާއި، ފްރާންސް 24، ބްލޫމްބާގް، ފައިނޭސިއަލް ޓައިމްސް، ޓީއާރްޓީ ވޯލްޑް، ކޮރެއަން ޓައިމްސް، ފްރީ މެލޭޝިޔާ ޓްޑޭފަދަ ނޫސްތަކުން ވަނީ މި ޚަބަރު ރިޕޯޓްކޮށްފައެވެ.
އަވަށްޓެރި ޔަމަނުގެ ދާޚިލީ ހަނގުރާމަ އަލުން ހޫނުވެފައިވާ ދަނޑިވަޅެއްގައި ސައޫދީއަށް އަމާޒުވާ މިފަދަ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މި ހަނގުރާމައިގައި ސައޫދީން ތާއީދުކުރަނީ ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރަށެވެ.
ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރިޔާޟުން ބާރުގަދަ ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް އޭއެފްޕީގެ ނޫސްވެރިން ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ވަގުތާ ދިމާކޮށް ސިވިލް ޑިފެންސް އިދާރާއިން ނުރައްކަލެއް އޮތް ކަމުގެ އިންޒާރު ނެރުނު ނަމަވެސް، މަދު މިނެޓުކޮޅެއްގެ ތެރޭގައި އެ ނުރައްކާ ފިލައިގޮސްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ސައޫދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ހާމަކުރި ގޮތުގައި، ޓެރަރިސްޓް ހޫޘީ މިލީޝިއާއިން ރިޔާޒަށް އަމާޒުކޮށް ފޮނުވާލި މިސައިލްގެ ނުރައްކަލަކަށް އެ ފައުޖުން ވަނީ އިޖާބަދީފަ އެވެ. ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ ވިދާޅުވީ، ފުރަތަމަ ބެލެވުނު ބެލުމުން މިސައިލްގެ ބައިތައް ވެއްޓި މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ގެއްލުންތައް މިހާރު ދަނީ ބަލައި ވަޒަންކުރަމުން ކަމަށެވެ.
ހާދިސާ ދުށް މީހުން އޭއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި، ގެއްލުން ލިބިފައިވަނީ ރިޔާޒުގެ މާލީ ސަރަހައްދުގައި ހުންނަ އެންމެ އުސް އިމާރާތް ކަމަށްވާ 80 ބުރީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ޓަވަރަށެވެ. ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، "އެ އިމާރާތުގެ އެތައް ފަންގިފިލާއެއްގެ ބޭރު ފަޅިއަށް ވަނީ ގެއްލުން ލިބި، ބިއްލޫރިގަނޑުތައް ވަނީ ތަޅައިގެން ގޮސްފަ" އެވެ. އަދި އިތުރު ދެ މަސްދަރަކުން ވެސް ވަނީ އެ އިމާރާތަށް މި ގެއްލުންތައް ލިބުނުކަން ކަށަވަރުކޮށްދީފަ އެވެ.
އުސްމިނުގައި 385 މީޓަރު ހުންނަ މި ޓަވަރަކީ ސައޫދީ އަރަބިއްޔާގެ އިގްތިސާދީ ތަސައްވުރު ރަމްޒުކޮށްދޭ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓްގައި ހުރި އެންމެ ފާހަގަކޮށްލެވޭ އިމާރާތެވެ. ބޮޑެތި އުސް އިމާރާތްތަކާއި އަގުބޮޑު ފިހާރަތަކުގެ އިތުރުން ހިތްގައިމު ފެހި މައިދާންތައް ހިމެނޭ މި ސަރަހައްދަކީ ސައޫދީ ސްޓޮކް އެކްސްޗޭންޖުގެ އިތުރުން ގޯލްޑްމަން ސެކްސް ފަދަ ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކުގެ އޮފީސްތައް ވެސް ގާއިމުވެފައިވާ މަރުކަޒެކެވެ.
ގެއްލުން ލިބުނު އިމާރާތުގައި މައި އޮފީސް ހިންގާ ސައޫދީގެ ސޮވްރިން ވެލްތު ފަންޑަކީ އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރިޔާސަތު ބަލަހައްޓަވާ، 900 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ މުދާ ބަލަހައްޓަމުން އަންނަ، ދުނިޔޭގެ އެންމެ ބޮޑެތި ފަންޑުތަކުގެ ތެރޭގައި ހިމެނޭ ފަންޑެކެވެ. މިއީ ތެލަށް ބަރޯސާވެފައިވާ މިންވަރު ކުޑަކޮށް، ސައޫދީގެ އިގްތިސާދު ސިންދަފާތު ކުރުމަށް އެކުލަވާލާފައިވާ ޕްލޭންތަކުގެ މައިގަނޑު އެއް ވަސީލަތް ކަމަށްވާއިރު، މި ފަހުން ފެށުނު ހަމަލާތަކުގެ ސަބަބުން މި ޕްލޭންތަކަށް ވަނީ ނުރައްކާ ކުރިމަތިވެފަ އެވެ.
މީގެއިތުރުން، ޔަމަނާ އިންވެގެން އޮންނަ ސައޫދީ އަރަބިއްޔާގެ ދެކުނު ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް ފަސް މިސައިލެއް ވައްޓާލާފައިވާ ކަމަށް ވެސް ތަރުޖަމާނު މާލިކީ ބުރާސްފަތި ދުވަހު ވިދާޅުވި އެވެ. އީރާނުގެ މަދަދު ލިބޭ ހޫޘީން ފަހަކަށް އައިސް ސައޫދީއަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުކޮށްފައިވާއިރު، އޭގެ ތެރޭގައި ވައިގެ ބަނދަރުތަކާއި، ހަކަތައިގެ ވަސީލަތްތަކާއި، އަސްކަރީ މަރުކަޒުތަކުގެ އިތުރުން ރިޔާޒުގެ މާލީ ސަރަހައްދު ވެސް ހިމެނެ އެވެ. މިދިޔަ އޮކްޓޫބަރު މަހު ރިޔާޒުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 14 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވުމާ ގުޅިގެން ދެ ހަފުތާއަށް ފްލައިޓްތައް މެދުކަނޑާލަން ވެސް ޖެހުނެވެ.
ހޫޘީންގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، ޔަމަނުގައި އެ ޖަމާއަތުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ސައޫދީ ކޯލިޝަނުން ދަނީ ހަމަލާތައް ދެމުންނެވެ. އެގޮތުން ޔަމަނުގެ ވެރިރަށް ސަންއާއަށް ސައޫދީން އަނެއްކާވެސް ހަމަލާތަކެއް ދީފައިވާ ކަމަށް ހޫޘީންގެ މީޑިއާތަކުން ބުރާސްފަތި ދުވަހު ވަނީ ބުނެފަ އެވެ. އަލް މަސީރާ ޓީވީ ޗެނަލުން ބުނި ގޮތުގައި، ސައޫދީގެ ފައުޖުތަކުން އަނެއްކާވެސް އަމާޒުކޮށްފައިވަނީ އަލްޔަތީމް ޑިވެލޮޕްމަންޓް ފައުންޑޭޝަންގެ ބޫޓާއި ފޭރާން އުފައްދާ ކާރުޚާނާއަކަށެވެ. ނަމަވެސް ސައޫދީ ކޯލިޝަނުން ބުނީ، ރިޔާޒަށް ހަމަލާދިނުމަށް ހޫޘީން ބޭނުންކުރި، ސަންއާގެ ދެކުނުން ގާތްގަނޑަކަށް 100 ކިލޯމީޓަރު (60 މޭލު) ދުރުގައި އޮންނަ ޛަމާރު ސިޓީގައި ހުރި ބެލިސްޓިކް މިސައިލް ފޮނުވާ ޕްލެޓްފޯމެއް އެ ހަމަލާތަކުގައި ހަލާކުކޮށްލާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!