ދުނިޔޭގެ ސިނަމާތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދައި، ބޮކްސް އޮފީހުގައި މިހާތަނަށް 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ ޑޮކިއުމެންޓްރީ ފިލްމު 'ނާޒާ' އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅު އިންޓަނެޓް މެދުވެރިކޮށް ހިލޭ ބަލާލެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އެ ފިލްމު ޕްރޮޑިއުސްކުރި އިނގިރޭސިވިލާތުގެ 'ދަ ގާޑިއަން' އިން ހާމަކޮށްފިއެވެ.

ދުނިޔޭގެ 50 ގައުމެއްގެ ސިނަމާތަކުގައި މި ފިލްމު ދައްކައި، 1.6 މިލިއަން މީހުން ސިނަމާތަކަށް ވަދެފައިވާއިރު، އިންޓަނެޓްގައި މި ފިލްމު އާންމުކުރާނެ ސީދާ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Ad
rt

ނެދަލެންޑްސްގެ ވެރިރަށް އެމްސްޓަޑަމްގައި ބޭއްވި 'އިންޓަނޭޝަނަލް ޑޮކިއުމެންޓްރީ ފެސްޓިވަލް އެމްސްޓަޑަމް' (އައިޑީއެފްއޭ) ގެ ޕެނަލް މަޝްވަރާއެއްގައި ވާހަކަދައްކަވަމުން ފިލްމުގެ ކޯ-ޑައިރެކްޓަރު ޔުވާލް އަބްރަހަމް ވިދާޅުވީ، ވެނިސް ފިލްމު ފެސްޓިވަލްގައި ފިލްމު އެޅުވުމަށްފަހު، ޖެހިގެން އައި ދުވަހު އިންޓަނެޓް މެދުވެރިކޮށް ދަ ގާޑިއަންގެ ވެބްސައިޓަށް ފިލްމު ދޫކޮށްލުމަށް އޭނާއާއި އަނެއް ޑައިރެކްޓަރު ރޭޗަލް ޒޯރ ފުރަތަމަ ވިސްނި ކަމަށެވެ. ނަމަވެސް، މަޝްރޫއުގައި ބައިވެރިވި ފަރާތްތަކުން ލަފާދިނީ ތަފާތު އެކި ބެލުންތެރިންނާ ހަމައަށް ފިލްމު ފޯރުކޮށްދިނުމަށްޓަކައި ސިނަމާތަކުގައި އެޅުވުން މުހިންމު ކަމަށެވެ. ދަ ގާޑިއަންގެ ޑޮކިއުމެންޓްރީސްގެ އިސްވެރިޔާ ލިންޑްސީ ޕޯލްޓަން ވިދާޅުވީ، އެމީހުންގެ މައިގަނޑު އަމާޒަކީ އަބަދުވެސް މި ފިލްމު ވީހާވެސް ގިނަ ބަޔަކާ ހަމައަށް ގެންދިއުން ކަމަށެވެ.

މި ޑޮކިއުމެންޓްރީގައި ގެނެސްދީފައިވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާތަކާއި އަސްކަރިއްޔާ (އައިޑީއެފް) ގައި މަސައްކަތްކުރާ، ނަން ހާމަނުކުރާ 24 އޮފިޝަލެއްގެ ބަސްދީގަތުމެވެ. އެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި، ޣައްޒާގައި ހަމާސްގެ އަމާޒުތަކަށް ހަމަލާދިނުމުގައި ކުށެއްނެތް އާންމު ފަލަސްތީނު ރައްޔިތުން މަރުވެދާނެ ކަމަށް އިސްރާއީލުގެ އަސްކަރީ އިސްވެރިން އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އަދި އަންހެނުންނާއި ކުޑަކުދިން މަރުވާނެކަން ކަށަވަރުވާ ހާލަތްތަކުގައިވެސް، ރޭގަނޑުގެ ވަގުތުތަކުގައި ގޭގެއަށް ގަސްދުގައި ހަމަލާދީފައިވާ ކަމަށް އެމީހުން ވަނީ ބުނެފައެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އިންސާނީ ހައްގުތަކަށާއި ޖެނީވާ ކޮންވެންޝަނާ ޚިލާފުވި ކަމަށް ބުނާ ވާހަކަތަކާއި، އަމާޒުތައް ކަނޑައެޅުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރި ކަމަށް ފިލްމުގައި ބުނާ ވާހަކަ ދޮގުކޮށްފައެވެ.

މި ފިލްމު ނެރުމާ ގުޅިގެން އިސްރާއީލުގެ ކަނާތުފިޔައިގެ ފަރާތްތަކުގެ މެދުގައި ބޮޑު ނުރުހުމެއް ވަނީ އުފެދިފައެވެ. އެގޮތުން އިސްރާއީލުގެ ކަލްޗާ މިނިސްޓަރު މިކީ ޒޯހަރު ވަނީ ފިލްމުގެ ޑައިރެކްޓަރުން ކަމަށްވާ އަބްރަހަމް އަދި ޒޯރގެ ކިބައިން އިސްރާއީލުގެ ރައްޔިތުކަން ނިގުޅައިގަންނާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިނިސްޓަރުގެ އެ ވިސްނުމަށް ތާއީދުކޮށްފައެވެ.

މީގެއިތުރުން، އިސްރާއީލު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެ ފިލްމުގެ އަސްލު އޮޅުވާލުމަށްޓަކައި "ނާޒާ: ދަ ރިއަލް ސްޓޯރީ" ގެ ނަމުގައި ރައްދު ޑޮކިއުމެންޓްރީއެއް ނެރެފައެވެ. އަބްރަހަމް ސިފަކުރި ގޮތުގައި އެއީ އަސްލު ފިލްމަކީ އެއީ ކަމަށް ދައްކައިގެން އާންމުންނަށް ކަންކަން އޮޅުވާލަން ކޮށްފައިވާ ކަމެކެވެ. އައިޑީއެފްއޭ ފެސްޓިވަލްގައި ވާހަކަދައްކަވަމުން އަބްރަހަމް އިތުރަށް ބުނީ، ފިލްމުގައި ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ސިފައިންނާ ވާހަކަދައްކާނެ ގޮތުގެ އިރުޝާދު ދިނުމަށް އިސްރާއީލުގެ ވައިގެ ސިފައިންގެ ކޮމާންޑަރުންނަށާއި އެހެނިހެން އޮފިސަރުންނަށް ޚާއްސަ ގައިޑްބުކެއް އަސްކަރިއްޔާއިން ނެރެފައިވާ ކަމަށެވެ. އެ ފޮތުގެ މައިގަނޑު ބޭނުމަކީ ސިފައިން ކުރަމުންދާ ކަންކަމަކީ "ހައްގު މަގު" ކަމަށް އެމީހުންނަށް ވިސްނައިދިނުމެވެ. އަބްރަހަމް ފާހަގަކުރި ގޮތުގައި މިފަދަ ދިފާއީ ފިޔަވަޅުތަކެއް އަޅަން ޖެހުމުން އެނގެނީ، އެމީހުން ކުރާ ކަންކަން ބެލެހެއްޓުމުގެ ދަށުގައިވާ ކަމުގެ އިހުސާސް އަސްކަރިއްޔާއަށް ކުރެވިފައިވާ ކަމެވެ.

މި ފިލްމުގެ ޕްރޮޑިއުސަރު ޖޭމްސް ވިލްސަން ބުނީ، 'ނާޒާ' އަކީ ހުޅަނގުގެ މުޖުތަމައުތަކުގެ ބައިވެރިވުމާއެކު ހިންގަމުންދާ ބޮޑު ގަތުލުއާންމާއި ބިރުވެރިކަން ހާމަކޮށްދޭ އެލާމެއް ފަދަ ފިލްމެއް ކަމަށާއި، ފަތުރާ ދޮގު މައުލޫމާތުތަކުން މި ފިލްމުގެ މެސެޖު ފަނޑުކޮށްނުލެވޭނެ ކަމަށެވެ. އަދި ފިލްމަކުން އެކަނި މުޅި ދުނިޔެ ބަދަލުނުކުރެވުނު ނަމަވެސް، އިންސާނިއްޔަތުކަމާއި ހަމްދަރުދީ އިސްކުރުމަށް ގޮވާލައި ދުނިޔޭގައި އުފެދެމުންދާ ބޮޑު ހަރަކާތުގެ މުހިންމު ބަޔަކަށް ފިލްމުތައް ވެވިދާނެ ކަމަށް ޑައިރެކްޓަރު އަބްރަހަމް ބުނެފަވެއެވެ.