ކުޑަކުދިން ޓްރެފިކްކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީން ޖަލު ގޮޅީގައި މަރުވީ އަމިއްލައަށް ނޫން ކަމަށާއި، އޭނާ މަރާލީ ކަރުގައި އެއްޗެއް އޮޅައިގެން ކަމަށް ބެލެވޭ ކަމަށް ފޮރެންސިކް މާހިރަކު ބުނެފިއެވެ.
އިނިގރޭސިވިލާތުގެ ބީބީސީގެ ''ނިއުސްނައިޓް'' ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޕްރޮފެސަރ މައިކަލް ފްރީމަން ވިދާޅުވީ، ނިއުޔޯކް ސިޓީގެ މެޑިކަލް އެގްޒަމިނަރުގެ ފައިލްތައް ދިރާސާކުރުމަށްފަހު، އެޕްސްޓީންގެ މަރަކީ ފަހަތުން ކަރުގައި އެއްޗެއް އޮޅައިގެން ހިންގާފައިވާ ގަތުލެއް ކަމަށް ބެލެވޭ ކަމަށެވެ.
އެމެރިކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ތިއްބައި މީހުން މަރުވާ މައްސަލަތަކުގައި—އޭގެ ތެރޭގައި ޖޯޖް ފްލޮއިޑްގެ މައްސަލަ ވެސް ހިމެނޭހެން—އެޓާނީ ޖެނެރަލްގެ އޮފީހަށް މަރުވި ސަބަބު ދެނެގަތުމުގައި ލަފާދެއްވާފައިވާ ފްރީމަން ވިދާޅުވީ، އެޕްސްޓީންގެ ހަށިގަނޑުން ހަމަލާދީފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. އޭގެ ތެރޭގައި އޭނާގެ ވާތު ކޮނޑަށް ލިބިފައިވާ ފުން ލޭއެޅުމުގެ ޒަހަމްތަކާއި، މޫނުމަތީގައި ޖަހާފައިވާ ކަމަށް ބެލެވޭ އަނިޔާތައް ހިމެނެއެވެ. އަދި ކަރުގައި އެއްޗެއް އޮޅާފައި ހުރި ނިޝާނުގެ މަތިން ނިޔަފަތީގެ ނިޝާންތައް ފެންނަން ހުރުމަކީ، ފަހަތުން ކަރުގައި އެއްޗެއް އޮޅުމުން އަމިއްލަ ދިފާއުގައި އެ އެތި ނައްޓުވަން އެޕްސްޓީން މަސައްކަތްކުރި ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފްރީމަން ގަބޫލުކުރައްވާ ގޮތުގައި އެޕްސްޓީންގެ ކަރުގައި އެއްޗެއް އޮޅައިގެން މަރާލުމަށްފަހު، ހަމަ އެ އެތި ބޭނުންކޮށްގެން އޭނާގެ ހަށިގަނޑު ވަނީ ބަންކް ބެޑުގައި އެލުވާފައެވެ. "އޭނާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކާއި ހަށިގަނޑު ފެނުނު ގޮތާ ދިމަލެއް ނުވޭ. ދެން އޮތް ހަމައެކަނި މާނައަކީ މިއީ ގަސްތުގައި މަރާލުމެއް ކަމަށް ބެލުން،" ފްރީމަން ވިދާޅުވިއެވެ. މީގެއިތުރުން ބަންދުގައި ހުއްޓައި ދަންޖެހިގެން މަރުވާ މީހުންގެ މައްސަލަތަކުގައި، ހަށިގަނޑު ތިރިކުރުމުގެ ކުރިން ފޮޓޯ ނަގަން ޖެހޭނެ ކަމަށް އުއްމީދުކުރެއްވި ނަމަވެސް އެފަދަ ފޮޓޯއެއް ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް، 2019 ވަނަ އަހަރު އެޕްސްޓީންގެ އޮޓޮޕްސީ ހެދި މެޑިކަލް އެގްޒަމިނަރު ނިންމާފައިވަނީ އޭނާ މަރުވީ ދަންޖެހިގެން އަމިއްލައަށް ކަމަށެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) ގެ އޮފީސް އޮފް ދަ އިންސްޕެކްޓާ ޖެނެރަލަށް އޮޓޮޕްސީ ހެދި ޑޮކްޓަރު ދެއްވި ބަޔާނުގައި ބުނެފައިވަނީ، ހަށިގަނޑުން ފެނުނު ޒަހަމްތަކަކީ ކަރުގައި އެއްޗެއް އޮޅައި މަރާލުމުން ފެންނަ ޒަހަމްތަކެއް ނޫން ކަމަށާއި، ދިފާއުވާން މަސައްކަތްކުރި ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށެވެ. އޭރުގެ ޗީފް މެޑިކަލް އެގްޒަމިނަރު ޑރ. ބާބަރާ ސެމްޕްސަން ވެސް ވަނީ އެ ނިންމުމަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ކުރިން ވިދާޅުވެފައެވެ.
ފްރީމަން މި ދިރާސާ ކުރެއްވީ އެޕްސްޓީންގެ ހަށިގަނޑު އަމިއްލައަށް ބައްލަވައިގެންނެއް ނޫނެވެ. އޭނާގެ ނިންމެވުންތައް ބިނާކުރެއްވީ އެޕްސްޓީންގެ ބޭބެ މާކް އެޕްސްޓީން ހަވާލުކުރި ރަސްމީ ރިޕޯޓްތަކާއި ފޮޓޯތަކުގެ މައްޗަށެވެ. މާކް އެޕްސްޓީން އަބަދުވެސް ތުހުމަތުކުރަމުން ދަނީ އޭނާގެ ކޮއްކޮ މަރާލީ ކަމަށެވެ. ފްރީމަން ވިދާޅުވީ މިއީ އެއްވެސް ފަރާތަކުން ފައިސާ ދީގެން ކޮށްފައިވާ ކަމެއް ނޫން ކަމަށާއި، މިއީ މިނިވަން ދިރާސާއެއް ކަމަށެވެ. އަދި އޭނާގެ ދިރާސާ އަދި ޕިއާ-ރިވިއުކޮށްފައި ނުވި ނަމަވެސް، ހޯދުންތައް ވަނީ ހޯމަ ދުވަހުގެ ރޭ ލަންޑަނުގައި ހުށަހަޅުއްވާފައެވެ. މިއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ފްރީމަން ވިދާޅުވީ، ހެއްކާއި ލިޔުންތައް ބަލައި، އޭނާއަށް ގޯހެއް ހެދިފައިވާނަމަ އެކަން ދައްކައިދިނުމަށް އެންމެންނަށްވެސް ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެޕްސްޓީން މަރާލީ ކާކުތޯ ސުވާލުކުރުމުން ވިދާޅުވީ އެއީ އޭނާގެ ތަހުގީގުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އެކަމުގައި އެއްވެސް މައުލޫމާތެއް ނެތް ކަމަށެވެ.
އުމުރުން 66 އަހަރުގެ އެޕްސްޓީން މަރުވެފައި އޮއްވާ ފެނުނީ 10 އޮގަސްޓް 2019 ގައި، ނިއުޔޯކް ސިޓީގެ މެޓްރޮޕޮލިޓަން ކަރެކްޝަނަލް ސެންޓަރުގެ ގޮޅިއެއްގެ ތެރެއިންނެވެ. ޑީއޯޖޭގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުން، ގާޑަށް އެޕްސްޓީން ފެނުމާއެކު އިތުރު އޮފިސަރަކަށް ގޮވައި، ހަށިގަނޑު ތަޅުންގަނޑުމައްޗަށް ބާލައި ފުރާނަ ސަލާމަތްކުރުމަށް ސީޕީއާރު ދޭން ފެށިއެވެ. އޭނާ މަރުވީ އަމިއްލައަށް މަރުވެދާނެ ކަމަށް ބަލައި ހާއްސަ ފާރަވެރިކަމެއްގެ ދަށުގައި ވަގުތީ ގޮތުން ބެހެއްޓުމަށްފަހު އެކަން ނިމުނުތާ މަހެއްހާ ދުވަސް ފަހުންނެވެ.
އެޕްސްޓީން ވަނީ ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވަން އުޅުނު ކަމުގެ ކުށް 2008 ވަނަ އަހަރު ސާބިތުވެ، ޖިންސީ ކުށްވެރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ. ނަމަވެސް އެފަހަރު އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ބޮޑު ޖަލު ހުކުމަކުން އޭނާ ސަލާމަތްވިއެވެ. އޭގެ 11 އަހަރު ފަހުން، 2019 ވަނަ އަހަރު އޭނާގެ މައްޗަށް އަލުން ދައުވާ އުފުލީ ކުޑަކުދިން ބޭނުންކޮށްގެން ޖިންސީ ވިޔަފާރީގެ ބޮޑު ވިއުގައެއް ހިންގި ކަމުގެ ތުހުމަތުގައެވެ. އޭނާ މަރުވީ އެ މައްސަލައިގެ ޝަރީއަތް ފެށެންދެން ޖަލުގައި ބަންދުކޮށްފައި ހުއްޓައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!