ކުޑަކުއްޖެއް ކަމަށްވާ އަމިއްލަ އަންހެން ދަރިފުޅާ މެދު ޖިންސީ އަމަލު ހިންގުމަށް އެހެން މީހަކަށް މަގުފަހިކޮށްދިނުމާއި، އެކަން ފުލުހުންނަށް ރިޕޯޓުނުކޮށް ސިއްރުކުރި މައްސަލައިގައި ހދ. ކުޅުދުއްފުށީ ސީޓީއަށް ނިސްބަތްވާ އަންހެނަކު 18 އަހަރާއި ހަ މަސްދުވަހަށް ޖަލަށް ލުމަށް ކުރި ހުކުމްތައް ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.
މި މައްސަލައިގައި ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމްތައް ބާތިލުކުރަން ހައިކޯޓުން ކުރިން ނިންމި ނިންމުން ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.
މި މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ބަލައި ހުކުމް އިއްވީ 4 ނޮވެންބަރު 2026 ގައެވެ. މި މައްސަލައިގެ ގަޒިއްޔާތައް ކަމަށްވާ 2021/SC-A/62 އަދި 2021/SC-A/63 އެކުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ، ހައިކޯޓުގެ ނިންމުން ބާތިލުކޮށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅި އަދަބުތައް ސައްހަ ކަމަށް ކަނޑައަޅައިފައެވެ.
ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުން އެ އަންހެންމީހާގެ މައްޗަށް ދެ ދައުވާއެއް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި އުފުލީ 4 ސެޕްޓެމްބަރު 2016 ގައެވެ. އެއީ 2014 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން އެހެން މީހަކު ލައްވައި އޭނާގެ އަންހެން ދަރިފުޅާ މެދު ޖިންސީ އަމަލު ހިންގުވުމަށް ހިތްވަރުދީ މަގުފަހިކޮށްދިން މައްސަލައިގައި އުފުލި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުވުމުގެ ދައުވާއާއި، އެ އަމަލު ހިނގާކަން އެނގިހުރެ ފުލުހުންނަށް ރިޕޯޓުނުކުރުމުގެ ދައުވާއެވެ. ކުއްޖާގެ އެސެސްމަންޓް ރިޕޯޓާއި، މެޑިކޯ ލީގަލް ރިޕޯޓާއި، ކުއްޖާގެ ވީޑިއޯ ބަޔާނުގެ އިތުރުން ހެކިބަހަށާއި އޭނާ ފުލުހުންނަށް ދިން ބަޔާނަށް ރިއާޔަތްކޮށް، ފުރަތަމަ ދައުވާއިން 18 އަހަރު އަދި ދެވަނަ ދައުވާއިން ހަ މަހުގެ ޖަލު ހުކުމެއް މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅިއެވެ.
އެ ހުކުމްތައް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ ދެ ހުކުމްވެސް ބާތިލުކޮށްފައެވެ. ހައިކޯޓުން އެގޮތަށް ނިންމީ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބެލިއިރު މައްސަލައިގެ ލިޔުންތައް އޭނާއަށް ލިބުނުކަން ކަށަވަރުނުވާތީ ދިފާއުވުމަށް އެކަށީގެންވާ ވަސީލަތް ލިބިފައި ނުވާ ކަމަށް ބަލައިގެންނެވެ. އަދި ރިޕޯޓުނުކުރުމުގެ ދައުވާއަކީ ތަހުގީގުގައި އޭނާއަށް ތުހުމަތުކުރި ކުށެއް ނޫން ކަމަށް ވެސް ހައިކޯޓުން ބުންޏެވެ. މެޖިސްޓްރޭޓް ކޯޓުން ހައިކޯޓަށް އަންގާފައިވަނީ، އެ ދުވަސްވަރު ލިޔުންތައް ހަވާލުކުރަނީ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުގެ ކުރިމަތީގައި ކަމަށްވާތީ، ލިޔުން ދޫކުރިކަމުގެ ވަކި ރެކޯޑެއް ނެތް ކަމަށެވެ.
ޝަރީއަތުގައި އޭނާ ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ. އަދި ފުލުހުންގެ ތަހުގީގުގައި ދިން ބަޔާނުގައި ސޮއިކުރީ ގެއަށް އަވަހަށް ދެވޭނެ ކަމަށް ހީކޮށް ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް ދައުލަތުން ފާހަގަކުރީ، އޭނާއަށް ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމުގެ އިތުރުން ދައުލަތުގެ ހެކިންނާ އަމިއްލައަށް ސުވާލުކޮށްފައިވާތީ މައްސަލައިގެ ލިޔުންތައް އޭނާއަށް ލިބިފައިވާކަން އެނގޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ރައުޔުގައި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ފާހަގަކުރެއްވި ގޮތުގައި، ލިޔުންތައް ނުލިބޭ ކަމަށް ބުނެ މެޖިސްޓްރޭޓް ކޯޓުގައި އޭނާ އެއްވެސް ޝަކުވާއެއް ކޮށްފައެއް ނުވެއެވެ. ވަކީލަކު ހަމަޖައްސަން އޭނާއަށް ފުރަތަމަ 15 ދުވަސް، އަދި އޭގެ ފަހުން ހަތް ދުވަހުގެ ފުރުސަތު ދެ ފަހަރެއްގެ މަތިން ދިން ކަމަށާއި، ދައުލަތުގެ ހެކިންނާއި ރިޕޯޓުތައް ތައްޔާރުކުރި މީހުންނާ ޝަރީއަތުގައި އޭނާ ސުވާލުކޮށްފައިވާ ކަމަށް ހުކުމުގައިވެއެވެ. އަދި ހައިކޯޓަށް މައްސަލަ ހުށަހެޅިއިރު މެޖިސްޓްރޭޓް ކޯޓުގެ ހުރިހާ ލިޔުމެއް ލިބިފައި ހުރި ނަމަވެސް، މައްސަލައިގެ އެއްވެސް އަސާސީ ހަގީގަތަކާ މެދު އޭނާ ސުވާލު އުފައްދާފައި ނުވާތީ، ލިޔުންތައް ނުލިބުމަށްވުރެ ލިބިފައިވުން ގާތް ކަމަށް ފަނޑިޔާރު ނިންމެވިއެވެ.
ރިޕޯޓުނުކުރުމުގެ ދައުވާއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ފާހަގަކުރީ، ތަހުގީގު ބަޔާނުގެ ދެވަނަ ސަފްހާގައި އެކަމާ ގުޅޭ ސުވާލުތައް އޭނާއާ ކޮށްފައިވާ ކަމަށާއި، ދަރިފުޅަށް ޖިންސީ ގޯނާކުރާކަން އެނގިހުރެ އެކަން ސިއްރުކުރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ. އަދި 2017 ވަނަ އަހަރު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ތުހުމަތުކުރާ ކުށުގެ ގާނޫނާއި މާއްދާ ސީދާ ބުނެދޭން ލާޒިމު ނޫން ކަމަށާއި، ހިންގި އަމަލާ ގުޅޭގޮތުން ސުވާލުކޮށްފައިވާނަމަ އެ ދައުވާ އުފުލާފައިވަނީ ރަނގަޅަށް ކަމަށް ކޯޓުން ކަނޑައެޅިއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ވަނީ ފުރިހަމައަށް ތާއީދުކުރައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!