ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށް އެ މައްސަލައާ ގުޅޭ ނިންމުންތަކެއް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ޔާމީންގެ ވެރިކަމުގައި ފުއްގިރި ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި, އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް މިމަހުގެ ކުރީކޮޅު ނިންމާލުމަށްފަހު މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
އެ މައްސަލާގެ ހުކުމް އިއްވުން މިއަދު ބާއްވަން ތާވަލްކުރި ނަމަވެސް ފަހުން ވަނީ އެ މަޖިިލިސް ކެންސަލްކޮށްފަ އެވެ. ނަމަވެސް ޔާމީންގެ ފަރާތުން ވަނީ އެ މައްސަލައާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް އިސްތިއުނާފްކުރަން ހައި ކޯޓަށް އިއްޔެ ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލަތައް ބަލައިގަތުމާ މެދު ހައި ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.
އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންޖިނިއަރިން ކުންފުނީގެ އިތުރުން ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާކުރި އެވެ. އޭގެ ތެރެއިން ސަންގެ ދެ ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައި ވާއިރު, ކްރިކް ރިޒާގެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ފުއްގިރީގެ މައްސަލައިގެ އިތުރުން ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައާ ގުޅިގެން ވެސް ޔާމީނަށް ދައުވާކުރެ އެވެ. އެ މައްސަލާގައި ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކުރިން އިއްވި ނަމަވެސް ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށް, އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވުމުން އެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!