ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

Ad
rt

ފުލުހުން ރޭ ބުނީ ޝާހިދު ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. ޝާހިދު ހައްޔަރުކޮށްފައި ވަނީ ރޭ 21:59ގައި ހުޅުމާލޭގެ ރެއިންބޯ އޯޝަން ފްރޮންޓްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓްގައި ހުންނަވަނިކޮށެވެ.

އދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރަށްވާފައިވާ އަދި ދިވެހި ދައުލަތުގެ ޢިއްޒަތް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ވެސް އަރުވާފައިވާ ޝާހިދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ފަހު، ފުރަތަމަ ގެންދިޔައީ ހުޅުމާލޭގެ ޕޮލިސް ސްޓޭޝަނަށެވެ. އަދި އޭގެ ފަހުން ހުޅުމާލެއިން ލޯންޗެއްގައި އޭނާ ރޭ ވަނީ ދޫނިދޫއަށް ގެންގޮސްފަ އެވެ.

ހައްޔަރުކުރެއްވުމުގެ ކުޑަ ވަގުތުކޮޅެއްގެ ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ޝަހުސު ''ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ'' ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއްކަމަށެވެ.

''އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ.'' ޝާހިދު ވިދާޅުވެފަވެއެވެ.

ޝާހިދަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމުގެ ކެމްޕޭން ވެސް ފައްޓަވާފައިވާ ބޭފުޅެކެވެ.