އެއްޖިއްސުން ގުޅުން ހިންގާ މީހުން އެކަން ކުރަނީ އެމީހުން ރުހިގެން ކަމަށްބުނެ، މުޖްތަމަޢު ގަޑުބަޑުކުރަން ދޫކޮށްލައިގެން ނުވާނެކަމަށް ދީނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.
ދާދިފަހުން ވަނީ ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރު އާއެކު ރާއްޖޭގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެފައެވެ. އެ ތުހުމަތު ކުރެވުނު ބައެއް މީހުންގެ ވީޑިއޯތައް ވެސް މީސް މީޑިއާގައި ޢާންމު ވިޔެވެ.
އެ މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކުރި އިރު އެ މައްސަލައިގެ ތަހުގީގު ނިންމައި އެ ތިން މީހުން ވެސް މިހާރު ތިބީ ވީއްލާފައެވެ. ނަމަވެސް އަލަމްގީރުގެ މައްސަލަގައި ނުހިމެނޭ، އެއްޖިއްސުން ގުޅުން ހިންގަނިކޮށް ޢާންމުވި އެހެން މައްސަލައެއްގެ ވީޑިއޯއެއްގައި ފެންނަ މީހަކު އަދި ހުރީ ހައްޔަރުގައެވެ.
ޑރ. ޢިޔާޟް މިއަދު ވިދާޅުވެފައި ވަނީ، އެއްޖިންސުން ގުޅުންހިންގާ މީހުންނަކީ މުޖްތަމަޢަށް ނުރައްކާތެރި ބަޔެއްކަމަށެވެ. އަދި އޭގެ މީހެއްގެ ވަސްވާސް އަމިއްލަ ޢާއިލާއަށް ޖެހުމުގެ ކުރިން އެބައިމީހުން މުޖްތަމަޢުން އެކަހެރި ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
''އެއީ އެމީހުންގެ ބަޔަކު ރުހިގެން ކުރިކަމެކޭ ބުނެ މުޖްތަމަޢު ގަޑުބަޑުކުރަން ދޫކޮށްލައިގެން ނުވާނެ'' ޑރ. ޢިޔާޟް ވިދާޅުވެފަވެއެވެ.
އެއްޖިންސުން ގުޅުންހިންގާ މީހުންނަކީ މުޖްތަމަޢަށް ނުރައްކާތެރި ބަޔެއް.އޭގެ މީހެއްގެ ވަސްވާސް އަމިއްލަ ޢާއިލާއަށް ޖެހުމުގެ ކުރިން އެބައިމީހުން މުޖްތަމަޢުން އެކަހެރި ކުރަންޖެހޭ.އެއީ އެމީހުންގެ ބަޔަކު ރުހިގެން ކުރިކަމެކޭ ބުނެ މުޖްތަމަޢު ގަޑުބަޑުކުރަން ދޫކޮށްލައިގެން ނުވާނެ. @PGO_MV
— Dr.Mohamed Iyaz (@dr_iyaz) August 13, 2022
އެއްޖިންސުން ގުޅުން ހިންގުމަކީ، ﷲގެ ކޯފާ އާއި އަޒާބު މި ދުނިޔެމަތީގައި އަތުވެދާނެ ފަދަ ނުބައި ޢަމަލެކެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ހުތުރުކަން ބޮޑު ފާފައެކެވެ.
އެއް ޖިންސުން ގުޅުން ހިންގުމަކީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ވެސް ކުށެކެވެ. ކުރިން މިފަދަ ކުށްތަކަށް ރާއްޖޭގެ ގާނޫނުން އޮތް އަދަބަށް ވުރެ މިހާރު ހުރި އަދަބުތައް ބޮޑެވެ. އަދި ގާނޫނު އޮތްގޮތުން މަރުގެ އަދަބު ވެސް މިހާރު އެކަމަށް ދެވިދާނެ އެވެ.
އިސްލާމީ ޝަރީއަތުގެ ދަށުން ބަލާއިރު އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ މެރުން ނުވަތަ ރަޖަމު ކުރުމެވެ. އެހެނީ، ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅެއްގައިވެ އެވެ.
"ލޫތުގެފާނުގެ ގައުމުގެ މީހުން ކުޅަ އަމަލެއް ކުރަނިކޮށް ތިޔަބައިމީހުންނަށް ފެނިއްޖެ ނަމަ، މަތީގައި އޮތް މީހާ އާއި ދަށުގައި އޮތް މީހާ ގަތުލުކުރާ ހުށިކަމެވެ."
މި ހަދީސް ބަސްފުޅުގައި، ލޫތުގެފާނުގެ ގައުމުގެ މީހުންނަށް ނިސްބަތް ކުރައްވާފައި އެވަނީ އެ ގައުމުގެ މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ ސަބަބުން މާތްﷲ ގެ ކޯފާއާ ކުރިމަތިވި ބަޔަކަށް ވާތީ އެވެ. އެހެންކަމުން އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ މެރުން ކަން ހަދީސް ބަސްފުޅުން ސާބިތުވެ އެވެ.
ލިވާޠު ކުރުމަކީ ޒިނޭ އަށްވުރެވެސް ފާޙިޝްކަން ބޮޑު ކަމެކެވެ. އެހެނީ ޒިނޭ އަކީ އެކަމުގައި ކުރެވޭ ކަންތައް ޢަގްދުކޮށްގެން ހުއްދަގޮތުގައި ކުރެވިދާނެ ކަމެކެވެ. ނަމަވެސް، ލިވާޠު ހުއްދަ ކުރެވޭނެ ހަމައެއްވެސް ގޮތެއް ނޯވެއެވެ. އަދި އިންސާނުންގެ ބުއްދިންވެސް ބަލައިގަނެވޭނެ ކަމަކަށް އެކަން ނުވެއެވެ.
ލޫޠު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވިއެވެ.
( وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ﴿٨٠﴾ إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ﴿٨١﴾ ) މާނައަކީ:
“ އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ.“
ސަލާމް ލެއްވި ލޫތުގެފާނުގެ ޤައުމުގެ މީހުން ހަލާކު ކުރެއްވީ އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!