މ. ދިއްގަރާއި ތ. ގާދިއްފުށީގެ ކައުންސިލުން ހުސްވެފައިވާ ކައުންސިލަރުންގެ މަގާމަށް މީހުން އިންތިޚާބު ކުރުމަށް މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުން ކުރި ހޯދައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން މިރޭ އާންމު ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން މ. ދިއްގަރު ކައުންސިލަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޢަބުދުﷲ ޢާރިފްއެވެ. އޭނާއަށް 375 ވޯޓު ލިބިފައިވާއިރު އޭނާއާއި ވާދަކުރި އިދކޮޅު އިއްތިހާދުގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކެންޑިޑޭޓް ޢަބުދުލްޙަންނާން އަޙްމަދަށް 320 ވޯޓު ލިބުނެވެ.

Ad
rt

މި ބައި-އިލެކްޝަންގައި 1034 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާއިރު ވޯޓުލާފައި ވަނީ 712 މީހުންނެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 69 އިންސަތައެވެ.

ދިއްގަރު ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކޮށް ހޮވިވަޑައިގަތް އިބްރާހީމް ޚަލީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ތ. ގާދިއްފުށީގެ ކައުންސިލަށް އަންހެން މެންބަރަކު އިންތިޚާބު ކުރުމަށް މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑޭޓް ޒުލައިޚާ އަހްމަދު ކާމިޔާބު ކުރީ 210 ވޯޓުން ކުޑަ ތަފާތަކުންނެވެ. އޭނާ އާއި ވާދަ ކުރި ޕީޕީއެމް ކެންޑިޑޭޓް ޙައްވާ އަބުދުލްޙާދީ 201 ވޯޓު ހޯދިއެވެ. އެ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރި ފާތިމަތު މަލްދާއަށް ލިބުނީ 4 ވޯޓެވެ.

މި ބައި-އިލެކްޝަންގައި 503 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާއިރު ވޯޓުލާފައި ވަނީ 417 މީހުންނެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 83 އިންސަތައެވެ.

ގާދިއްފުށީ ކައުންސިލްގެ ބައި-އިލެކްޝަން ބާއްވާފައިވަނީ އެ ކައުންސިލްގައި ހިމެނިވަޑައިގަންނާ އެމްޑީޕީ މެންބަރު މަރްޔަމް ހަސަން އިސްތިއުފާ ދެއްވުމުންނެވެ.