ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ސީނިއަރ ސިވިލް ސަރވަންޓުންގެ ގުރޫޕެއް ދިއްލީއަށް ހިނގައްޖެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވީ މި ދަތުރުގައި ފަންސަވީސް މުވައްޒަފުން ބައިވެރިވާ ކަމަށެވެ.

Ad
rt

ސީއެސްސީން ވިދާޅުވީ ތަމްރީނާއި ތަޖްރިބާ ހާސިލުކުރުމަށް ދިވެހި ސިވިލް ސާވެންޓުންގެ ވަފުދެއް އިންޑިއާގެ ވެރިކަން ކުރާ ނިޔުދިއްލީއަށް ދިޔައީ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޯ ސީނިޔަރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް ގެ ނަމުގައި އިންޑިއާގެ "ނެޝަނަލް ސެންޓާ ފޯ ގުޑް ގަވަނަންސް" އިން އިންތިޒާމްކުރާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކަމަށެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި، ޖުލައި 25 އިން 29 ގެ ނިޔަލަށް އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމްގައި އިންޑިއާގެ ސިވިލް ސާވިސް އާ ބެހޭގޮތުންނާއި، އިގްތިސޯދީ، އިޖްތިމާއީ، އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެ ކަމަށް ވެސް ސީއެސްސީއިން ބުނެއެވެ.

މީގެއިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކަށް ބައިވެރިން ޒިޔާރަތްކޮށް، އެތަންތަނުގެ އިސް ވެރިންނާއި ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމަށް ސެޝަންތަކެއް ވެސް ކުރިއަށް ދާނެ ކަމަށް ބުނެފައިވެއެވެ.

މި ދަތުރުގައި ދިއްލީގެ ސަގާފީ ތަންތަނަށާއި އިންޑިއާގެ ފަޚުރެއް ކަމުގައިވާ ތާޖުމަހަލަށްވެސް ބައިވެރިން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން މި ދަތުރުގައި ބައިވެރިވާ ބޭފުޅަކު ވިދާޅުވިއެވެ.