ކުޅުދުއްފުށީ ސިޓީގައި މަސްތުވާތަކެއްޗާއި ގުޅޭ ޕްރިވެންޝަން ޕްރޮގްރާމްގެ، ދެ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމްތަކަކީ، ޖާނީ އެން.ޖީ.އޯ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ "ރައިޒް ޕްރޮގްރާމް 2022 - މަސްތުވާތަކެއްޗާއި ގުޅޭ ޕްރިވެންޝަން ޕްރޮގްރާމްގެ ދެ ތަމްރީން ޕްރޮގްރާމެއް އެ ސިޓީގައި ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން ފުރަތަމަ ތަމްރީން ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ އެ ސިޓީގެ ބެލެނިވެރިންނަށެވެ. ޖުލައި 27 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ މި ޕްރޮގްރާމް އޮންނާނީ އެ ސިޓީގެ އެން.އޯ.ސީ ހޯލްގައެެވެ. ފެށޭނީ 27 ވަނަ ދުވަހުގެ ރޭ 20:30 ގައެވެ.
ދެވަނަ ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ޒުވާނުންނަށެވެ. މި ޕްރޮގްރާމް ފެށޭނީ ފުރަތަމަ ޕްރޮގްރާމް ވެސް ހިންގާ ތަނުގައި ހަމަ އެގަޑީގައި ޖުލައި 28 ވަނަ ދުވަހުގެ ރެއެވެ.
މި ދެ ޕްރޮގްރާމްގެ ވެސް ދިގު މިނަކީ 20 ގަޑި އިރެވެ. މި ވިހި ގަޑިއިރުގެ މި ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ސެޝަަން ދެމިގެން ދާނީ ދެ ގަޑިއިރަށް ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި މި ޕްރޮގްރާމްގެ ބާކީ ގަޑިތަކާއި ދުވަސްތައް ކަނޑައަޅާނީ ފުރަތަމަ ސެޝަންގައި ބައިވެރިންގެ ލަފައާއި މަޝްވަރާއާއި އެކުގައި ކަމަށް ވެސް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިހާރު ވަނީ، މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އޮންލައިން ކޮށް ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!