ފްލޯޓިން ސިޓީގެ ނަމުގައި ހިންގަމުންދާ ޖަރީމާތައް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުޞައިން ގޮވާލައްވައިފިއެވެ.
ފްލޯޓިން ސިޓީގެ ނަމުގައި ރާއްޖެ އައިސް ޑަޗް ޑޮކްލޭންޑްސް އިން ދިވެހިންނަށް ޚިޔާނާތްތެރި ވަމުން ގެންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވެސް ތުހުމަތު ކުރައްވާފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، އަދި މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ ޙުޞައިން ވިދާޅުވީ، އެކުއިޒިޝަން ކޯސްޓެއްނެތި ޑަޗް ޑޮކްލޭންޑަށް މާލެ އަތޮޅުން ފަޅުތަކެއް ދިނުމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ.
އަދި އެފަޅުތައް އެހެން ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ޑަޗް ޑޮކްލޭންޑަށް ދިން މައްސަލަ ސީރިއަސްކޮށް ބަލާ، މިއިން ނާޖާއިޒު ފައިދާ ހޯދައިދިން ފަރާތްތަކާއި ނާޖާއިޒު ފައިދާ ލިބުނު ފަރާތްތައް ޤާނޫނާ ކުރިމަތިލާން ޖެހޭނެކަމުގެ އިންޒާރުވެސް ޢަލީވަނީ ދެއްވާފައެވެ.
ފްލޯޓިން ސިޓީގެ ނަމުގައި ރާއްޖެ އައިސް ޑަޗް ޑޮކްލޭންޑްސް އިން ދިވެހިންނަށް ޚިޔާނާތްތެރި ވަމުން ގެންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ ތުހުމަތު ކުރައްވާފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ފްލޯޓިން ސިޓީ މަޝްރޫއަށް ޚިޔާނާތްތެރި ވަމުން ގެންދާ ކަމަށާއި، އެ މަޝްރޫއަށް ދޫކުރި ފަސް ފަޅުގެ ތެރެއިން ތިން ފަޅެއް މިހާރު ވެސް ވިއްކާލާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޑަޗް ޑޮކްލޭންޑްސްއިން އިތުރު ހަ ފަޅެއް މިހާރުވެސް އިތުރަށް ހިއްކަމުން އަންނަ ކަމަށާއި އެ ތަންތަން ވެސް ވިއްކާލުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބި ވަޑައިގެންފައި ވާ ކަމަށެވެ. އަދި އެ ފަޅުތައް ދޫކޮށްފައިވަނީ އެއްވެސް އަގަކާ ނުލައިކަން ކަމުން ފްލޯޓިން ސިޓީ މަޝްރޫޢު ހިންގަން ރާއްޖެ އައިސް އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ނުކޮށް ޑަޗް ޑޮކްލޭންޑްސްއިން ފަޅުތައް ތަރައްޤީކޮށް ވިއްކަމުން ގެންދިޔުމަކީ ސްކޭމެއް ހިންގުން ކަމަށެވެ.
ފްލޯޓިން ސިޓީ މަޝްރޫޢު ޑަޗް ޑޮކްލޭންޑްސް އަށް ހަވާލުކުރިތާ އަހަރެއް ވާން ކައިރި ވެފައި ވަނިކޮށް، މި އަހަރުގެ ފެބްރުއަރީ މަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ބައިސަން މޯލްޑިވްސްއާ ހަވާލު ކޮށްފައެވެ. އޭރު ޑަޗް ޑޮކްލޭންޑްސް އިން ބުނީ މިދިޔަ ރޯދަ މަސް ނިމެން ވާއިރަށް އެ މަޝްރޫއުގެ ފުރަތަމަ ގެތައް ނިންމާލެވޭނެ ކަމަށެވެ.
އެ ކުންފުނިން ބުނީ ފްލޯޓިން ސިޓީ ބިނާ ކުރަނީ މާލެއިން ފުރައިގެން ފަސް މިނެޓުން ދެވޭ ފަޅެއްގައި ކަމަށެވެ. ނަމަވެސް ޑަޗް ޑޮކްލޭންޑްސް އިން ފަހުން ބުނެފައިވަނީ އެ ތަނަށް ދާން 10 މިނެޓު ނަގާނެ ކަމަށެވެ.
މުޅިއެކު 5000 ގެ ފްލޯޓިންގ ސިޓީގައި އެޅުމަށް ޑަޗް ޑޮކްލޭންޑްސްއާ ހަވާލުކުރި މިއީ ދެވަނަ ފަހަރެވެ.
މީގެ ކުރިން، 2010ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެ ކުންފުންޏާ އެކު ވަނީ ފްލޯޓިން ސިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއަށްފަހު ބޭރުގެ ބައެއް ނޫސްތަކުގައި، 2015 ވަނަ އަހަރު މި މަޝްރޫއުގެ ޚަބަރުތައް އަނެއްކާވެސް ފެތުރުނު ނަމަވެސް އެ މަޝްރޫއަށް ވީ ގޮތެއް މިހާތަނަށްވެސް ސާފުވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!