ށ. އަތޮޅު ކައުންސިލުން އަތޮޅުގެ ހުރިހާ ޕްރިންސިޕަލުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
"ށ. އަތޮޅު ޕްރިންސިޕަލުންގެ ފޯރަމް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެ އަތޮޅުގެ 14 ރަށުގެ ސްކޫލުން ބައިވެރި ވެފައި ވެއެވެ.
"ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ށ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ މި ފޯރަމަކީ ވަރަށް މުހިންމު އަދި ކާމިޔާބު ފޯރަމެއް ކަމަށެވެ. މިގޮތަށް ހުރިހާ ޕްރިންސިޕަލުން އެއް ތަނަކުން ބައްދަލުވެ ޚިޔާލު ބަދަލުކޮށް ތަޖުރިބާ ޙިއްސާ ކުރެވުނު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ށ. އަތޮޅު ސްކޫލު ތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލު ކުރުމާއި އަތޮޅުގެ ސްކޫލުތަކުގެ މެދުގައި އެއްބާރުލުން ދިނުމާއި ސްކޫލް ތަކުގެ އެކެޑަމިކް ޕާފޯމަންސް މަތި ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މި ފޯރަމްގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި ކުރިޔަށް އޮތް ތިން އަހަރަށް ށ. އަތޮޅުގެ ތަޢުލީމީ ލަނޑު ދަނޑިތައް ވެސް ވަނީ ކަނޑައަޅާފައެވެ.
ށ. އަތޮޅު ކައުންސިލުން އަންނަނީ ގިނަ ދާއިރާ ތަކަކުން އަތޮޅުގެ ޙާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!