މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށާއި ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތައް ނިންމަން ގާޒީން އިތުރަށް ނިކުންނަ ދުވަސްތަކަށް އެލަވަންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
ގިނަ އަހަރުތަކެއް ވަންދެން މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށްފައި ނުވާތީވެ، އެ ބޭފުޅުންގެ މުސާރަ ބޮޑުކުރަން މަޖިލީހަށް ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަރާތުންނެވެ. ޖޭއެސްސީ) އިން ހުށަހަޅާފައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން މެޖިސްޓްރޭޓުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރުވެގެން ދަނީ އަހަރަކު ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާ އެވެ. މި ގޮތަށް މުސާރަ ބޮޑު ކުރަން ފިނޭންސް މިނިސްޓްރީން ވަނީ ހުއްދަ ވެސް ދީފަ އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެޖިސްޓްރޭޓްގެ މުސާރަ ބޮޑުކުރަން ޖޭއެސްސީން އެދިފައިވާ ގޮތަށް ކޮމިޓީން ފާސް ކުރަން ހުށަހެޅުއްވީ އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. މި ހުށަހެޅުން ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ކްރިމިނަލް ކޯޓުގެ ގާޒީންނަށް ހާއްސަ އިނާޔަތެއް ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުށަހެޅި އެވެ. މިގޮތަށް ހުށަހަޅާފައި ވަނީ އެ ކޯޓުގައި ބޮޑު ބެކްލޮގެއް އޮތުމުން އެ ބެކްލޮގް ކްލިއަރ ކުރުމަށް ގިނަ ގާޒީން އިތުރު ވަގުތުގައި މަސައްކަތް ކުރަން ޖެހިފައިވާތީއެވެ.
ޑީޖޭއޭއިން ހުށަހެޅީ ހަތަރު މަސް ތެރޭގައި ނުރަސްމީ ގަޑީގައި 10 ގާޒީން މަސައްކަތަށް ނެރެގެން ކޮންމެ ގާޒީއަކަށް ދުވާލަކަށް 500ރ. ދިނުމަށް އެއީ މިހާރު ބެކްލޮގުގައި އޮތް 1،100 މައްސަލަ ހަތަރު މަހަށް ބަހާލައިގެންނެވެ.
ކާށީދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ތާއިދާއެކު އެ ހުށަހެޅުން ފާސްކުރަން ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެ ހުށަހެޅުން ފާސްވީ ހުރިހާ މެމްބަރުންގެ ވޯޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!