ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުކަމުގެ މަޤާމުގައި ހުންނަ ވަނިކޮށް މަޤާމުންވަކި ކޮށްފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޟު އަބްދުއްލަތީފް މަޤާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

އަންހެނުން ހިތާނު ކުރުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ވިދާޅުވި ވާހަކަތަކާ ގުޅިގެން އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ކަމަށް ބުނެ އެމްއެންޔޫގެ ވަޒީފާއިން ޑރ. އިޔާޟު ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

Ad
rt

އޭގެ ކުރިންވެސް ޑރ. އިޔާޟަށް ޤައުމީ ޔުނިވާސިޓީން އިންޒާރުދީ ވަޒީފާއިން ސަސްޕެންޑްވެސް ކޮށްފައިވެއެވެ.

ޤައުމީ ޔުނިވަރސިޓީން ޑރ. އިޔާޟު ސަސްޕެންޑު ކުރި މައްސަލައިގައިވެސް ޓްރައިބިއުނަލުން މައްސަލަ ނިންމާފައި ވަނީ އޭނާއާއި އެއްކޮޅަށެވެ. އިޔާޟު މަޤާމުން ވަކިކުރި މައްސަލަ ބެލުމަށް ފަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު ނިންމީ އޭނާ ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށްވާތީ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ހަތް ދުވަސް ތެރޭގައި ދިނުމަށެވެ.

އަދި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ވެސް ވަނީ އަމުރު ކޮށްފައެވެ.