ހއ. އިވަންދޫގައި ޓާފް އަޅައިގެން ތަރައްގީ ކުރި ފުޓްބޯޅަ ދަނޑު ބޭނުން ކުރަން ފަށައިފިއެވެ.
އެ ދަނޑު ބޭނުން ކުރަން ފެށީ އިއްޔެއެވެ. ދަނޑު ބޭނުން ކުރަން ފެށުމުގެ ގޮތުން ރަށުގެ ފިރިހެން ޒުވާނުންގެ ތެރެއިން ހޮވާލެވުނު ދެ ޓީމެއްގެ މެޗުގައި އެކުވެރިކަމުގެ ފުޓް ބޯޅަ މެޗެއް އިއްޔެ ވަނީ ކުޅެފައެވެ.
އިހަވަންދޫ ޔޫތު އެސޯސިއޭޓް، ޢަލީ ރަމީޒް "ތިލަދުން" އަށް ވިދާޅުވީ، ޓާފް ދަނޑު އިއްޔެއިން ފެށިގެން ޒުވާނުން ބޭނުން ކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ދަނޑު ރަސްމީކޮށް ހުޅުވާނީ ފަހުގެ ތާރީޚެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.
މި ދަނޑު ބޭނުން ކުރަން ފެށުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވަޢުދު ފުޅާއެއްގޮތަށް އިހަވަންދޫގެ ޒުވާނުނަށް ޓާފު އެޅި ބޮޑު ފުޓް ބޯޅަދަޑެއް އަޅައިދީ ބޭނުން ކުރަން ފެށިފައިވާ ކަމަށެވެ.
"އެތައްޖީލްތަކަކަށް އިހަވަންދޫގެ ޒުވާނުންނަށް ސަރުކާރުތަކުން ވަމުން ދިޔަ އިހުމާލު މިސަރުކާރުން ނިމުންގެންނަމުންދާތީ ރައީސް އިބޫއަށް ހިފެހެއްޓުމެއްނެތް ޝުކުރުދަންނަވަން" ޝިފާޢު ވިދާޅުވިއެވެ.
އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!