ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނޭކުރެންދޫ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ނޭކުރެންދޫ ކައުންސިލަރުން ވަނީ ނައިބު ރައީސާއި ހިއްސާ ކުރަށްވާފައެވެ.

Ad
rt

މިގޮތުން ނޭކުރެންދޫގައި އަޅަން ނިންމާފައިވާ އިންޑަސްޓްރިއަލް ޖަލުގެ މަސައްކަތް ނުފެށިވުމުން ހުރި ކަންބޮޑުވުންތަކާއި، ނޭކުރެންދޫގެ ކަނޑޫފާ ހަލާކުވަމުންދާތީ ހުރި ކަންބޮޑުވުންތަކާއި، ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ކުޑަކުދިންގެ ޕާކެއްގެ ބޭނުންތެރިކަމާއި، ރަށުގެ ކުނިގޮނޑެއް ޤާއިމްކުރުމާއި، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި އަދި ރަށުގެ އިޖްތިމާޢީ ފޭރާމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ނައިބުރައީސްގެ ސަމާލުކަމަށް ގެންނަވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ކުރިޔަށްދާ ގޮތް ގާތުން ބައްލަވަމުން ގެންދަވާނެކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލުން ޙިއްޞާ ކުރައްވާފައިވާ މަޢޫލޫމާތުގެ އަލީގައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ އެކަންކަމުގެ މަޝްވަރާތައް ކުރިޔަށް ގެންދަވާނެ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ނައިބު ރައީސް ފައިސަލް ވަނީ މި ސަރުކާރުން ވަކި އަތޮޅެއް ވަކި ރަށެއް ތަފާތުކުރުމެއް ނެތި ރަށްރަށުގެ ކަންކަން ތަރައްޤީ ކުރަމުން ގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރަށުގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.