ހއ. ވަށަފަރު ތުނޑީގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ވަށަފަރު ކައުންސިލާއި އެކު ހެދިފައިވާ އެއްބަސްވުމާއި އެއްގޮތައް މަސައްކަތް ކުރިއަށް ނުދާތީ އެކަމާއިމެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ވަށަފަރު ރައްޔިތުންނާއި އަދި ވަށަފަރަށް ނިސްބަތްވާ ފަރާތްތަކުން ޝުއޫރު ފާޅުކުރަން ފަށައިފި އެވެ.
ވަށަފަރު ތުނޑީގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ވަށަފަރު ކައުންސިލުން އެއްބަސްވެ ޙަވާލުކޮށްފައިވަނީ 50 އަހަރު ދުވަހަށެވެ. ވޭތުވެދިޔަ 08 އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ކަށިގެންވާ މަސައްކަތެއް ކުރެވިފައިނުވާކަމަށް އެފަރާތްތަކުން ބުނެއެވެ.
ވަށަފަރު ރައްޔިތުންގެ ލާބަޔާއި މަންފާޔަށްޓަކައި އެގްރިމެންޓްގައި އެއްބަސްވެފައިވާ ކަންކަން މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މިއަދާއި ހަމައަށް އައިއިރުވެސް ކޮށްފައި ނުވާ ކަމަށް އެރަށުން މިނޫހާއި ވާހަކަ ދެއްކި ފަރާތްތަކުން ބުނެއެވެ.
ސިޓީ ހޮޓާ އެޅުމަށް ހެދިފައިވާ އެގްރީމަންޓް ގައިވާ ގޮތުން ކޮންސްޓްރަކްޝަން ޕީރިއަޑް ހަމަވެފައިވަނީ 2018 ގައެވެ. ނަމަވެސް ކޮންސްޓްރަކްޝަން ޕީރިއަޑް ވަށަފަރު ކައުންސިލުން އިތުރުކޮށްދީފައިވާކަން އެރަށު ރައްޔިތުން ތުހުމަތު ކުރެއެވެ. އަދި ދެވަނަ ފަހަރަށް އިތުރުކޮށްދިން ކޮންސްޓްރަކްޝަން ޕީރިއަޑް 26 ފެބްރުއަރީ 2022 ގައި ވަނީ ހަމަވެފަ އެވެ. މިދުވަސް ތަކުގެ ތެރޭގައި ސަރުކާރުން އެފަރާތަށް ލިބެން ޖެހޭ ހުއްދަތައް ނުލިބި ލަސްވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ސިޓީ ހޮޓާ އެޅުމަށް ދޫކޮށްފައިވާ ބިމަކީ ވަށަފަރު ބިމުގެ ތިންބައިކުޅަ އެއްބައެވެ.
އެއްބަސްވުމުގައިވާ ވަށަފަރުގައި ފެނާއި ނަރުދަމާ އެޅުމަށް ޝަރުތުކޮށްފައި ވެއެވެ. އެހެން ނަމަވެސް 2018 ގެ ފަހުކޮޅުގައި އެރަށުގައި ނަރުދަމާގެ މަސައްކަތްފެށި، އެ މަސައްކަތް ކުރަމުން ދަނީ ދިވެހި ދައުލަތުންކަން ފާހަގަ ކުރެވިފައިވެއެވެ.
މީގެ އިތުރުން އެރަށުގައި ކޭބަލްޓީވީގެ ޚިދުމަތާއި އިންޓަނެޓްގެ ޚިދުމަތް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވެދިޔައިރުވެސް ލިބެންނެތްއިރު، ވަށަފަރު ކައުންސިލުން އެޚިދުމަތް ދިނުމަށް ވަކި ޢިއުލާނެއް ކޮށް އެހެންފަރާތަކަށް ކޭބަލް ޓީވީ ޚިދުމަތް ދިނުމަށް އެއްބަސްވެ އެޚިދުމަތް އަންނަނީ ދެމުންނެވެ.

"އަޅުގަނޑު މެންނަކީ ބޮޑެތި މިލިޔަނަރުންނެއް ނޫން، ވިޔަފާރިކޮށްގެން ހޯދާ ފައިސާއިން މިކަން ކުރަނީ، ކުރަމުންގޮސް އާއިލާއާއި ބައެއް ރައްޓެހިންގެ ފަރާތުންވެސް ފައިނޭންޝިއަލް އެހީތެރިކަމެއް ލިބުން، ދެން އެޚަރުދުތައް ކުރަމުން ގެންދިޔައީ ޕްރޮޖެކްޓަށް ބޭންކް އޮފް މޯލްޑިވްސް އިން ލޯން ލިބޭނެ ކަމުގެ އުއްމީދު ގައި. އެހެން ނަމަވެސް ލޯނު ހަމަޖެހިފައި ނުވަނީ އަމިއްލަ ފަރުދަކަށް ވުމުން ކަމަށް ފާހަގަ ކުރެވޭ"
ސިޓީ ހޮޓާ ތަރައްޤީ ކުރުމަށް ޙަވާލުވެފައިވާ ފަރާތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ވަގުތު ނޫހަށް ދިން އިންޓަރވިއު އެއްގައި ބުނެފައިވެއެވެ.

ރަށުގެ ބިމުން ބޮޑުބައެއް ރައްޔިތުންނަށް ނުވަދެވޭނެގޮތަށް ދާޖަހާ ވަނީ ބަންދުކޮށްފަ އެވެ. އެތަން އިމާރާތް ކުރުމަށް ގެނެސްފައިވާ ވެހިކަލްތަކާއި އަދި އެހެނިހެން ބައުމުދާ ރައްޔިތުންނަށް ދަތިވާގޮތަށް ބަހައްޓާފައި ހުރުމަކީވެސް އެރަށު ރައްޔިތުންގެ ޝަކުވާ އެކެވެ.
މީގެ އިތުރުން ވަށަފަރު ބަނދަރު ސަރަހައްދުން ސިޓީ ހޮޓާ ތަރައްޤީ ކުރާ ފަރާތަށް ކުއްޔަށް ދީފައިވާ ތެޔޮބިން، އެގްރިމެންޓް ކުރެވިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުދާތީ، 2022 ވަނަ އަހަރު މިހާރުގެ ކައުންސިލުން ވަނީ އެބިމުގެ އެގްރީމެންޓް ބާތިލް ކޮށްފައެވެ. އެހެން ނަމަވެސް ކައުންސިލްގެ ދައުރުން އެއް އަހަރު ފާއިތުވެ ދިޔައިރު ސިޓީ ހޮޓަލުގެ މަސައްކަތާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް ވަށަފަރުގެ ރައްޔިތުންނަށް ދީފައި ނުވާކަން އެރަށު މީހުން ފާހަގަ ކުރެއެވެ.
އެތަނުގެ ވަޒީފާތަކަށް އެރަށުން މީހުން ނުނެގުމަކީވެސް އެރަށު މީހުންގެ ކަންބޮޑުވުމެކެވެ. އަދި އިސްމަޤާމަށް އައްޔަނު ކޮށްފައި ވަނީ ކުރިން ވަށަފަރު ކައުންސިލް މެމްބަރުންގެ ގޮތުގައި މަސައްކަތް ކޮށްފައިވާ 02 ފަރާތެއްކަމަށް ބުނެއެވެ.

މިކަން ކަމާއި ގުޅޭގޮތުން ވަށަފަރު ކައުންސިލްގެ ބަހެއް ހޯދުމަށް މީގެ 7 ދުވަސް ކުރިން އެކައުންސިލް އަށް ފޮނުވި އެއްވެސް ސުވާލަކަށް މިރިޕޯޓު ޝާޢިއުކުރުމާއި ހަމައަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. މިނޫހުން ސާފުކުރުމަށް އެދިފައިވާ ބައެއް މަޢުލޫމާތުތަކުގެ ތެރޭގައި ސިޓީ ހޮޓާ ހެދުމަށް ދޫކޮށްފައިވާ ބިމުގެ ބޮޑުމިނާއި ހަވާލުކޮށްފައިވާ ފަރާތާއި އެގްރީމެންޓްގައި ވަށަފަރަށް ކޮށްދޭން ބަޔާން ކޮށްފައިވާ ކަންކަން ހިމެނޭހެން އެގްރީމްޓް ގެ ގިނަ މަޢުލޫމާތު ތަކެއް ހޯދަން އެދި ފައިވާނެއެވެ.

މީގެ އިތުރުން މަސައްކަތް ނިންމާ ހުޅުވަން ބުނި ތާރީޙަށް ނިމިފައިނުވާތީ ކައުންސިލުން އެކަމުގައި އަމަލު ކޮށްފައިވޭތޯ އާއި އެކަމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ އަދި އެގްރީމެންޓް ބާތިލް ކުރުމުގެ ވިސްނުން ކައުންސިލްގައި ހުރިތޯ ނުވަތަ އެގްރީމެންޓް އަށް ބަދަލު ގެނައުމުގެ އެއްވެސް މަޝްވަރާއެއް ކުރެވިފައިވޭތޯ ސުވާލުކޮށްފައިވާނެ އެވެ.
ސިޓީ ހޮޓާ ނުނިމި ލަސްވާތީ ކައުންސިލްގެ ބަހަކީ ކޮބައިތޯ އަދި މިކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރީ ކިހާވަރަކަށްތޯ ކުރި ސުވާލުތަކަށް އެކައުންސިލްގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!